ކުޅިވަރު

އަކުރަމް އާއި އުމެއިރު އެއްބަސްވުން އައުކޮށްފި، ވިކްޓަރީގެ ކޯޗަކީ އާތީ


ގައުމީ ޓީމު ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ޢަނީ އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމެއިރު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އެއްބަސްވުން އައުކުރިއިރު، އަލީ ޝާމިސް (ތޮއްޕެ) އާއި، މުޙައްމަދު ސާދު ނިޒާރުގެ އިތުރުން ނަޝާހު އަޙްމަދު (ނައްޓު) އެ ކުލަބަށް ސޮއިކޮށްފިއެވެ.

މީގެ ކުރިން ވިކްޓަރީގައިވެސް މޮޅު ކުޅުމެއް ދެއްކި އަކުރަމް އާއި އުމެއިރު ވަނީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެނައުމައްޓަކައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ކުރިން ވިކްޓަރީއާއެކު ކާމިޔާބު ދުވަސްތަކެއް ހޭދިކުރި އެ ދެ ކުޅުންތެރިން ވަނީ ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބަތަކަށް ކުޅެފައެވެ. މީގެ އިތުރުން ވިކްޓަރީން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު މުހައްމަދު އިމްރާން (ބެން) އާއި ފައިސަލްގެ އެއްބަސްވުންވެސް އައުކޮށްފައެވެ.

ލ. ގަމަށް އުފަން ތޮއްޕެ ފުރަތަމަ ޑިވިޝަނަށް ތާއަރަފުވީ 2017 ވަނަ އަހަރު ވިކްޓަރީނެވެ. އަލީ ސުޒެއިންގެ ކޯޗު ކަމުގައި ތޮއްޕެ ވަނީ އެ ފަހަރު މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަނުގައި ތޮއްޕެ ކުޅެފައިވާނީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް ކުލަބަށެވެ. ވިކްޓަރީ ދެން ސޮއި ހޯދި ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބަށް ކުރިން ކުޅުނު ސާދު އާއި އެ ޓީމަށް ކުޅުނު ނަޝާހު (ނައްޓު) އެވެ. ފަސް އަހަރު ފަހުން ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން ތައްޔާރުވަމުން އަންނަ ވިކްޓަރީ އަންނަނީ އަންނަ މަހު ފަށާ ފުޓްބޯޅަ ސީޒަނަށް އެޓީމު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

އައު ސީޒަނުގެ ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ މުޙައްމަދު އާތިފް (އާތީ) އެވެ. އާތީގެ ކޯޗުކަމުގައި އޮޑި ސްޕޯޓްސްއިން ވަނީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ތަށި ވިކްޓަރީ ބަލިކުރުމަށްފަހު ހޯދާފައެވެ.

ވިކްޓަރީން ވަނީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރޭ ފަރިތަކުރުންތައް ފަށާފައެވެ. ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު، ދިވެހި ޕްރިމިއަރ ލީގު ފަށަނީ އެ މަހުގެ 10 ވަނަ ދުވަހުއެވެ.