މި އަހަރުގެ ފުޓްބޯޅަ ސީޒަން ނިމިގެންދާއިރު އޮޑި ސްޕޯޓްސް ކުލަބުން އުފެދޭ ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ލިބުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް އެ ޓީމާ އަލަށް ހަވާލުވި އޮސްޓްރޭލިއާގެ ކޯޗު އިއަން އެންޑްރޫ ގިލަން ބުނެފިއެވެ.
ގިލަން މިހެން ބުނެފަވަނީ އޮޑި ސްޕޯޓްސް ކުލަބާއި ރަސްމީކޮށް ހަވާލުވުމަށްފަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އައު ކޯޗު ރަސްމީކޮށް ޓީމާއި ހަވާލުވެ ތަމްރީނުތައް ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ނޫސްވެރިންނާއި ވާހަކަދައްކަން ކޯޗު ބުނެފަވަނީ ޓީމުން ފެނިގެންދަނީ ހުނަރުވެރި، އުއްމީދީ ޒުވާން މޫނުތަކެއްކަމަށެވެ. ފުޓުބޯޅައިގައި ކުރިއެރުންތަކެއް ހޯދާ ވަކި އަމާޒަކަށް ވާސިލުވުމަށް މަސައްކަތްކުރާ ޓީމަކާއި ހަވާލުވެ، ކުޅުން އިތުރަށް ރަނގަޅުކުރާނެ ގޮތްތައް ބުނެދީ އިރުޝާދު ދޭން ލިބުމަކީ އޭނާއަށް ލިބުނު އުފަލެއްގެ ގޮތުގައި ކޯޗު ސިފަކުރިއެވެ.
ފުޓުބޯޅައިގެ އައު ސީޒަނަށް ކުރިމަތިލާނީ ގިނަ ތަށިތަކެއް ހޯދުމަށް ކަމަށާއި އުއްމީދަކީ ސީޒަން ނިމިގެން ދާއިރު އޮޑީގެ ޒުވާން ކުޅުންތެރިންތަކަކަށް ގައުމީ ޓީމުން ޖާގަ ކަށަވަރުވެގެން ދިއުންކަމަށްވެސް ނޫސްވެރިންނާއި ވާހަކަދައްކަމުން ކޯޗު ބުންޏެވެ.
"އަހަންނަކީ ގޮންޖެހުންތަކާއި ކުރިމަތިލާހިތްވާ މީހެއް. އަހަރެން މަސައްކަތްކުރާނީ ކުޅުންތެރިން ޕްރޮފެޝަނަލް ގޭމަކަށް ތައްޔާރުކުރުމަށް" ކޮންމެ ކަމެއްގައިވެސް ގޮންޖެހުންތައް ދިމާވާނެކަމަށާއި، އެހެންނަމަވެސް ކަނޑައަޅާ އަމާޒަކަށް ވާސިލުވުމަށް ދަތި އުނދަގޫތައް ކަޑައްތުކުރަންޖެހޭނެކަން ފާހަގަކުރަމުން ކޯޗު ގިލަން ބުންޏެވެ.
ފުޓުބޯޅަ ކުރިއެރުވުމަށް ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދައްޖެހޭކަން ހާމަކުރަމުން ކޯޗު ބުނީ އޭނާގެ އަމާޒަކީ އޮޑި ސްޕޯޓްސްގައި ތިބި ޒުވާން ކުޅުންތެރިން އައު ހަރުފަތަކަށް ގެންދިއުން ކަމަށެވެ. ޓީމާއި މެދު ކޯޗުގެ ވިސްނުން ހުރީ ފައްސިކޮށް ކަމަށާއި، ސަޕޯޓަރުން އަދި ސްޕޮންސަރުންގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް އުއްމީދުކުރާ ކަމަށްވެސް ކޯޗުގެ ވާހަކައިގައި ފާހަގަކުރިއެވެ.
މީގެ އިތުރުން މި ސީޒަނަށްފަހު ދިވެހި ފުޓުބޯޅަ އިތުރަށް ކުރިއަރާ، ހުނަރުވެރި އައު ތަރިންތަކެއް މުބާރާތްތަކުން ވިދާލުން އެއީ ގައުމަށްވެސް ލިބޭނެ ފަޚުރެއްކަމަށް ކޯޗު ބުންޏެވެ. އޭޝިއަން ކަޕުގެ މަތީ ފަޑީގައި ގުނާލެވޭނެ ގައުމަކަށް ރާއްޖެއަށް ވެވިދާނެކަން ފާހަގަކުރަމުން ކޯޗު ބުނީ ޒުވާން ކުޅުންތެރިން އުފެދިގެން ދިއުމަކީ ގައުމުގެ ކުޅިވަރު މުސްތަގްބަލަށްޓަކައި ކޮންމެހެންވެސް ބޭނުން ކަމެއް ކަމަށެވެ.
ކޯޗުގެ ވާހަކަ ނިންމާލަމުން އޮޑި ސްޕޯޓްސްގެ މެނޭޖްމަންޓަށާއި ކުޅުންތެރިން އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކުރިއެވެ. އަދި ކުޅުންތެރިން އަބަދުވެސް ހިތްވަރު އައުކޮށް، އުއްމީދަށް ވާސިލުވުމަށް ކޯޗާއި އެކު ގަދައަޅާ މަސައްކަތްކުރާނެކަމަށް އުއްމީދުކުރާ ކަމަށްވެސް ބުންޏެވެ.
އޮސްޓްރޭލިއާއަށް ނިސްބަތްވާ ކޯޗު ގިލަންއަކީ 25 އަހަރުގެ ކޯޗިންގެ ތަޖުރިބާއާއެކު އޭޝިއާގެ ގިނަ ގައުމުތަކެއްގައި މަސައްކަތްކޮށް ނަތީޖާ ނެރެދީފައިވާ ކޯޗެކެވެ. މިގޮތުން އޭނާވަނީ އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ނޭޕާލް ފަދަ ގައުމުތަކުގައި މަސައްކަތްކޮށްފައެވެ.
އިންގްލަންޑާއި އޮސްޓްރޭލިއާގެ ޓީމުތަކަށް ކޯޗުކޮށްދީފައިވާ ގިލަންއަކީ ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ކޯޗެކެވެ. މީގެ އިތުރުން އޭނާ ވަނީ ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގައިވެސް މަސައްކަތްކޮށްފައެވެ. މެލޭޝިޔާގެ ވަރުގަދަ ކުލަބު ކޭޑީއޭ އެފްސީގެ ޔޫތު ޑިރެކްޓަރުގެ މަގާމާއި، އިންޑިއާގެ ސުޕަރ ލީގުގައި ވާދަކުރާ ކެލިކަޓް އެފްސީގެ ޑިރެކްޓަރުކަމަކީ މި ދާއިރާގައި އޭނާ އަދާކޮށްފައިވާ ފާހަގަކޮށްލެވޭ މަގާމުތަކެވެ.