ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއްގައި ބައެއް ތަންތަން ބަލައި ފާސްކޮށް، 3 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މާލޭގެ ބައެއް ގެތައް ބަލާފާސްކޮށްފައިވެއެވެ. ރޭ 11 ޖަހާކަންހާއިރު ފެށި މި އޮޕަރޭޝަންގައި މަގުމަތީގެ ބައެއް އުޅަދުތައްވެސް ހުއްޓުވައި ބަލާ ފާސްކޮށްފައިވެއެވެ.
މާލޭގެ އިތުރުން ސަލާމަތީ ބާރުތަކުން ވަނީ ހުޅުމާލޭގެ ބައެއް ތަންތަންވެސް ބަލާ ފާސްކޮށްފައެވެ. މިތަންތަން ބަލާފާސްކޮށް އެތަންތަނުން ވަނީ ބައެއް ތަކެތި ސަލާމާތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ސަލާމަތީ ބާރުތަކުން ހިންގި މި އޮޕަރޭޝަން ނިންމާލިކަމަށް އަދި ހާމަކުރައްވާފައިނުވެއެވެ.
ފުލުހުން ވިދާޅުވީ މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށް، އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދާކަށެވެ. މިއީ ގައުމީ ސަލާމަތާއި ގުޅުން އޮތް މައްސަލައަކަށް ވުމުން ހާމަކުރެވެން އޮތް ވަރަކުން ހާމަކުރަމުންދާނެ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.