މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން 3 ސަރަޙައްދެއްގައި މިވަގުތުވެސް ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަމުންދާކަމަށް ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރުން ފެށިގެން ހުއްޓާނުލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިވަގުތު ފެން ހިންދުމަށްޓަކާ މާލޭގެ 3 ސަރަޙައްދެއްގައި 6 ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާކަމަށެވެ.
އެމްއެންޑީއެފުން މިވަގުތު ހަރަކާތްތެރިވާ 3 ސަރަޙައްދަކީ ވެސްޓްޕާކު ސަރަޙައްދު، އައިޖީއެމްއެޗް ސަރަޙައްދު އަދި މާފަންނު ފެރީ ޓަރމިނަލް ސަރަޙައްދެވެ. މިއީ ބޯކޮށް ވާރޭވެހިއްޖެނަމަ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުތަކެވެ. މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރުމުގެ އިތުރުން އާންމުންގެ މުދަލާއި ގޯތިގެދޮރުގެ ރައްކާތެރިކަމަށްޓަކާ ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައިވެސް ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދު މެންދުރު ފަހުން ފެށިގެން މޫސުން ގޯސްވެ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ރާއްޖެއަށް މިކުރާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނޭކަމަށާއި، ވަކިން ޚާއްޞަކޮށް މެދުތެރެއާ އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށްށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވަކަމަށް މެޓުން ވިދާޅުވިއެވެ. އަދި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.