މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުގައި ހުންނެވި އަަޙްމަދު އިމާދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދެވެ.
ކޮމިޓީއަށް މެންބަރު ހުށައެޅުއްވި މައްސަލާގައި ވަނީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޢަލީ ހާޝިމް، ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާނުކުރައްވާ ހުންނެވިއިރު، އެކަންކަން ފާހަގަކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދުވެސް އެއްވެސް މަސައްކަތް ކޮށްފައިވާކަން އެނގެން ނެތްކަމަށެވެ. އެހެންކަމުން ގާނޫނުން އޭނާއަށް ލާޒިމްކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިވާތީ އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ނިންމެވީކަމަށްވެސް ކޮމިޓީއަށް ހުށައެޅި މައްސަލާގައިވެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މެމްބަރު ޢަބްދުއްލަޠީފް ހުށަހެޅުއްވި އެ މައްސަލަ ބަލައިގަނެ، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ޑެޕިއުޓީ ގަވަރުނަރުކަމުން އިމާދު ވަކިކުރަން ހުށަހަޅާފައިވާއިރު، ގަވަރުނަރުގެ މަގާމުގައި ހުންނެވި ޢަލީ ހާޝިމު މިދިޔަ އަހަރު ޖުލައި މަހު ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އޭނާ ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ޑެޕިއުޓީ ޤަވަރުނަރުގައި ކަމުގެ މަޤާމަށް އަޙްމަދު އިމާދު އައްޔަންކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.