ޚަބަރު

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދާ ފަޤީރުންގެ ލިސްޓް އާންމުކޮށްފި


  • މިއަހަރުވެސް 50 ފަޤީރުންނަށް ވަނީ ފުރުޞަތު ދީފައި

  • ލިސްޓު ވެބްސައިޓްގައި ވަނީ އާންމުކޮށްފައި

މިއަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދާ ފަޤީރުންގެ ލިސްޓް އާއްމުކޮށްފިއެވެ. މިދިޔަ އަހަރޭ އެއްގޮތަށް މި އަހަރުވެސް ފުރުޞަތު ދީފައިވަނީ 50 މީހުން ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދިއުމަށެވެ. އެމީހުން ހޮވާފައިވަނީ ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުޠުހަވާ މީހުންގެ މެދުގައި ނެގި ގުރުއަރުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙުމަދު އަދީލް ވިދާޅުވީ މިފަހަރު ޙައްޖަށް ގެންދާ ލިސްޓަށް 302 މީހުން ޝަރުތު ހަމަވިކަމަށެވެ. މީގެތެރެއިން ގުރުއަތުގައި ނަގާފައިވަނީ، ޙައްޖައް ދާން ޖާގަ ކަށަވަރުވި 50 މީހުންނާއި، ޖާގައެއް ހުސްވެއްޖެނަމަ ފުރުޞަތު ދިނުމަށް ނެގި 10 މީހުންގެ ގުރުއަތެވެ.

މި ލިސްޓު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ އެ ވުޒާރާގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

1446 ވަނަ އަހަރު ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދާ ފަޤީރުންގެ ލިސްޓް

ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދެނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފަވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ. ޝަރުތުތަކުގެތެރޭގައި އުމުރުން 50 އަހަރާ 70 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފަރުޟު ޙައްޖެއް ކުރިން ކޮށްފައި ނުވުމާއި، ސިއްޙީ ޙާލަތު ތަންދިނުން ހިމެނެއެވެ.

އިސްމަީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ރަށްރަށުގެ ކައުންސިލް އަދި އެމީހުންނަށް ގުޅައިގެންވެސް މަޢުލޫމާތު އެއްކޮށް، ޙާލަތު ދެނަގެނެފައެވެ.

ރިޔާސީ މި ދައުރުގެ ތެރޭގައި 1000 ފަގީރުން ޙައްޖުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.