މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ޅ.މާފިލާފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މިމަހުގެ 16 ވަނަ ދުވަހުގެ 18:00އިން މިމަހުގެ 21 ވަނަ ދުވަހުގެ 23:59އަށް، ޅ. މާފިލާފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރސް ދަތުރުކުރާނީ ޅ. މާފިލާފުށިގެ ވަށައިގެން 200 މީޓަރު ދުރުމިނަށްކަމަށެވެ. އަދި ފްލެއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.
މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ހަތިޔާރާއެކު ސިފައިންގެ ތަމްރީންތަކެއް މާލެ ސަރަޙައްދުގައިވެސް ދަނީ ކުރިއަށްގެންދަމުންނެވެ. އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތް ބާއްވަނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ހަވީރު 16:00އިން 18:00އަށް އެ ތަމްރީންތައް ކުރިއަށްދާނެކަމަށެވެ. އަދި ކޮންމެ އަންގާރަ ދުވަހެއްގެ 22:00އިން 1:00އަށް ތަމްރީންތައް ކުރިއަށްގެންދިޔުމަށްވެސްވަނީ ހަމަޖެހިފައެވެ.