ޚަބަރު

ތަޙުގީގު ކޮމިޓީގައި ޖަވާބުދާރީވުމަށް ޤާނޫނުގައި ބަޔާންކުރަނީ ފަނޑިޔާރު، ވަކީލެއް ނޫން: ޖޭއެސްސީ


  • ޖޭއެސްސީން ދަނީ ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަަލަމުން

  • ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ހުރިހާ ހައްޤުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފަހިކޮށްދިން

ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ހުށައެޅިއްޖެނަމަ، ތަޙުޤީޤުކުރާ ކޮމިޓީގައި ޖަވާބުދާރީވާންޖެހޭނެކަމަށް ޤާނޫނުގައި އޮންނަނީ އެ ފަނޑިޔާރެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ޖޭއެސްސީއަށް އެންގުމާއި ގުޅިގެން އެ ދެފަނޑިޔާރުން ސަސްޕެންޑްކުރައްވައި، އެ ފަނޑިޔަރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެގޮތުން ފަނޑިޔާރު އަޒްމިރާލްދާގެ މައްސަލާގައި ބޭއްވި އަޑު އެހުމުގައި އެކަމަނާގެ ވަކީލަށް ޖަވާބުދާރީވުމުގެ ފުރުޞަތު ކޮމިޓީން ދެއްވާފައިނުވާކަމަށް ފަނޑިޔާރުގެ ވަކީލު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އެކަމާއި ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ވަކީލަށް ޖަވާބުދާރީވުމުގެ ފުރުޞަތު ކޮމިޓީން ދެއްވާފައި ނުވަނީ ޤާނޫނުގައި އެ ފަދައިން ބާޔަންކުރައްވާފައި ނުވާތީކަމަށެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކުރަނީ ތަޙްޤީޤު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި އެ މައްސަލައިގެ ތަފްސީލު އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް ދިނުމުން، ބަލަމުންދާ މައްސަލައާ ގުޅޭގޮތުން ތަޙްޤީޤު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެ ކަމަށެވެ. އަދި ތަޙްޤީޤު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި މައްސަލަ ރައްދުވާފަރާތުން އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލާ މަޝްވަރާކުރެވިދާނެކަމަށްވެސް މި މާއްދާގައި ބަޔާންކުރެއެވެ.

ޖޭއެސްސީން ވިދާޅުވީ ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގައި ޤާނޫނީ ވަކީލުގެ ޒިންމާއާ މަސްއޫލިއްޔަތާއި ދައުރު ބަޔާންކޮށްފައިވާއިރު، ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭނީ ވަކީލު ނޫންކަމާއި ޖަވާބުދާރީވާންޖެހޭ ފަރާތަކީ ފަނޑިޔާރުކަން އެނގޭކަމަށެވެ. އަދި ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ޤާނޫނީ ލަފާދިނުންކަމަށްވެސް ޤާނޫނުގައި ބަޔާންކުރަކަން ޖޭއެސްސީން ފާހަގަކުރެއްވިއެވެ. އެހެންކަމުން ފަނޑިޔާރަށް ޖަވާބުދާރީވުމުގެ ފުރުޞަތާއި ވަކީލާ ވަކިން މަޝްވަރާކުރުމުގެ ފުރުސަތުވެސް ތަކުރާރުކޮށް ދީފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީން ވިދާޅުވީ މި މައްސަލައާ ގުޅިގެން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އެންމެހައި ހައްޤުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާއަށް ދީފައިވާ ކަމަށެވެ. މިއީ އެ ކޮމިޝަނާއި ދިވެހިރާއްޖޭގެ އެންމެހައި ތަޙްޤީޤީ އިދާރާތަކުންވެސް އަމަލުކުރަމުން ގެންދާ އާންމު އަދި ޤާނޫނީ އުސޫލުކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.

ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށް ޤާނޫނުން މަތިކޮށްފައިވާ ފަރާތަކީ ޖުޑީޝަލް ސާރވިސް ކޮމިޝަނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރާލްދާއާއި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ޙުސްނުއްސުޢޫދުވެސް ސަސްޕެންޑްކުރިއެވެ. ނަމަވެސް ފަނޑިޔާރު ސުޢޫދު ވަނީ މި މަހުގެ 5 ވަނަ ދުވަހު އިސްތިއުފާދެއްވާފައެވެ. މި ތިން ފަނޑިޔާރުން ސަސްޕެންޑްކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.