ވަރލްޑް މެޑިކަލް އެސޯސިއޭޝަނުން (ޑަބްލިޔުއެމްއޭ) ޔަހޫދީ އިސްރާއީލުގެ މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) ސަސްޕެންޑް ކުރުމަށް ގޮވާލައި، ނެދަލެންޑްސްގައި ކުރިއަށްދިޔަ ޑަބްލިޔުއެމްއޭ ސަމިޓުގެ ބޭރުގައި އެތައް ސަތޭކަ ޑޮކްޓަރުންނެއް މުޒާހަރާކޮށްފިއެވެ. 'އައިއެމްއޭ އައުޓް!' އިއްތިޙާދުން އިންތިޒާމުކުރި މުޒާހަރާގައި 81 ޞިއްޙީ އެހީތެރިން ވަނީ، ޔަހޫދީންގެ ޣައިރުޤާނޫނީ ހައްޔަރުގައި ތިބި ފަލަސްޠީންގެ ޞިއްޙީ އެހީތެރިންގެ ނަންތައް ޖަހާފައިވާ ޔުނިފޯމްތަކެއް ސަމިޓުގެ ކުރިމަތީގައި ދަމާލާފައެވެ. މި ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މެއިރެމް އަހްމެތާއީ ވިދާޅުވީ، އެ މީހުންގެ އެކުވެރިން ތިބެންވާނީ ބަލިމީހުންނާއެކުގައި ކަމަށާއި ޖަލުތަކުގައި ނޫން ކަމުގައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި ފަލަސްޠީންގެ 1,700 އަށްވުރެ ގިނަ ޞިއްޙީ އެހީތެރިން ޝަހީދުކޮށް، ގާތްގަނޑަކަށް ހުރިހާ ހަސްފަތާލުތަކެއް ވަނީ ހަލާކުކޮށްލާފައެވެ. އަހްމެތާއީ ވިދާޅުވީ، އައިއެމްއޭއަކީ ބަލަންތިބޭ ބައެއް ނޫން ކަމަށާއި، ފަލަސްޠީންގެ ޞިއްޙީ ނިޒާމު ފުނޑުފުނޑު ކުރަމުންދާއިރު އެ ޖަމުޢިއްޔާއިން އެ ޢުދުވާންތައް ދިފާޢު ކުރަމުންދާ ކަމަށާއި، އެ ޖަރީމާތަކަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ހުރަސްއަޅަމުންދާ ކަމުގައެވެ. އަދި، "އެއީ ޞިއްޙީ ނިއުޓްރަލިޓީއެއް ނޫން، އެއީ ބައިވެރިވުން" ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޑަބްލިޔުއެމްއޭގެ ބައްދަލުވުމުގައި 'އައިއެމްއޭ އައުޓް!' ކެންޕޭން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޖޮނަތަން ފްލަކްސްމަން ވިދާޅުވީ، ޞިއްޙީ އެހީތެރިންނާއި، ބަލިމީހުންނާއި ހަސްފަތާލުތަކާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އައިއެމްއޭއިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމުގައެވެ. އަދި، ވަގުތުން އައިއެމްއޭއާއެކު އޮންނަ ގުޅުން ކަނޑާލައި އެ ޖަމުޢިއްޔާ ސަސްޕެންޑް ކުރުމަށް އޭނާ ގޮވާލެއްވިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ 6,500 އަށްވުރެ ގިނަ ޞިއްޙީ އެހީތެރިންގެ ސޮޔާއެކު އައިއެމްއޭ ސަސްޕެންޑް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހަޅާފައެވެ. ފަލަސްޠީންގެ ޤައިދީންނަށް އަނިޔާކުރުމުގައި ޔަހޫދީ ޑޮކްޓަރުންގެ ބައިވެރިވުން އޮންނާތީ ޖަވާބުދާރީކުރުވުމަށް ވެސް އެ މީހުން ގޮވާލިއެވެ.
ޔަހޫދީންގެ ހައްޔަރުގައިވާ މީހުންގެ ތެރޭގައި ޣައްޒާގެ ކަމާލް އަދުވާން ހަސްފަތާލުގެ އިސްވެރިޔާ ޑރ ޙުސާމް އަބޫ ޞަފިއްޔާ ހިމެނެއެވެ. ސްދޭ ތެއިމާން ޖަލުގައި އޭނާއަށް އަނިޔާކޮށް ޞިއްޙީ ފަރުވާ ނުދީ ބަހައްޓާފައިވާއިރު، ޑޮކްޓަރުން ވަނީ އޭނާ މިނިވަންކުރުމަށް ގޮވާލާފައެވެ. ޙުސާމްގެ ދަރިފުޅު އިލްޔާސް ވިދާޅުވީ، އޭނާގެ ބައްޕައާއި ފަލަސްޠީންގެ ހުރިހާ ޤައިދީންނާމެދު ވެސް ޢަމަލުކުރަންވާނީ ޞިއްޙީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ޑޮކްޓަރުން އެ މީހުން ވެފައިވާ ހުވައާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެ ކަމުގައެވެ. ފުރާނައިގެ އަގު ވަޒަންކުރާ ގޮތެއްގެ މައްޗަށް ބިނާކޮށް ފަރުވާ ދިނުން ތަފާތު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.