ޚަބަރު

10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުމެއް


  • 2 ހެކްޓަރާއި 4 ހެކްޓަރާ ދެމެދުގެ ދަނޑުތައް ތަރައްޤީކުރާނެ

  • މިއީ ތިމާވެއްޓާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެއް

ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުންނާއި، 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ލަނޑުދަނޑި ޙާޞިލުކުރުމުގެ ގޮތުން 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފެވެ. އަދި ބިން ހަމަޖައްސައިދިން ރަށްތަކުގެ ފަރާތުން ސޮއިކުރެއްވީ، އެ ރަށްރަށުގެ ކައުންސިލުތައް ތަމްސީލުކުރައްވާ މެންބަރުންނެވެ.

އެގްރޯފޮރެސްޓްރީ ދަނޑުތައް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރި 10 ރަށް:

• ހއ. ބާރަށް
• ރ. އިނގުރައިދޫ
• ކ. ކާށިދޫ
• ކ. މާފުށި
• ކ. ތުލުސްދޫ
• މ. ވޭވަށް
• ލ. އިސްދޫ
• ގއ. ގެމަނަފުށި
• ގދ. ހޯޑެއްދޫ
• ގދ. ފިޔޯރީ

އެގްރޯފޮރެސްޓްރީއަކީ، އެއް ދަނޑެއްގައި ގަސްގަހާ ގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ. ދަނޑުވެރި ކަމާބެހޭ ވުޒާރާއާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޤާއިމުކުރާ ދަނޑުތަކަކީ 2 ހެކްޓަރާއި 4 ހެކްޓަރާ ދެމެދުގެ ބޮޑުމިން އެކުލެވޭ، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ނަމޫނާ ދަނޑުތަކެކެވެ.

މި ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހެއްދުމަށް ހަމަޖެހިފައިވަނީ، ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ދިގުމުއްދަތުގެ ބާވަތްތަކާއި، ކުރު މުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ. މީގެ ސަބަބުން ދިގުމުއްދަތަކަށް ކާނާ އަދި މުޑުވައްގަސް އުފެއްދުމަށް މަގުފަހިވެ، ބޭރުން ތަކެތި އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ދަނޑުތައް ބަލަހައްޓައި ހައްދަމުން ގެންދާނީ، ދަނޑުވެރިކަމާބެހޭ ވުޒާރާގެ ފަންނީ ލަފާގެ ދަށުން ކައުންސިލްތަކުންނެވެ. އަދި މި ދަނޑުތަކުގެ ޒަރީޢާއިން ރަށްރަށުގެ ދަނޑުވެރިންނަށް ރައްކާތެރިކަމާއެކު ދަނޑުވެރިކަން ކުރުމުގެ ފަންނީ މަޢުލޫމާތާއި، ތަމްރީނު ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ އަމާޒަކީ ކާނާގެ ޔަޤީންކަން އިތުރު ކުރުމުގެ އިތުރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ 400,000 އަށްވުރެ ގިނަ ގަސް މި ދަނޑުތަކުން އުފެއްދުމެވެ. އަދި ރާއްޖޭގެ ދަނޑުވެރިކަން ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ޒަމާނީ ސިނާޢަތަކަށް ބަދަލުކުރުމަކީވެސް މި މަޝްރޫޢުގެ އަމާޒެއް ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ކުރިއަރުވާ، ތިމާވެއްޓާއި ރައްޓެހި، ދެމެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން ދިވެހިރާއްޖޭގައި ހައްދާ ބާވަތްތައް އިތުރުކޮށް، ރައްކާތެރި ގޮތެއްގައި މޭވާ އަދި ތަރުކާރީ އުފައްދާ ދިވެހިރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރު ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.