ގދ.ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 63 އިންސައްތަ ނިމިއްޖެއެވެ.
މިއަދު އެމްޓީސީސީން ވިދާޅުވީ، އެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބިންހިއްކުމުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 25ގައެވެ. އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
މިމަޝްރޫއުގެ ދަށުން 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާއި ހަވާލުކުރި މިމަޝްރޫޢުގެ ޖުމްލަ އަގަކީ، 142.67 މިލިއަން ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރުމާއި، 1416 މީޓަރުގެ ސަރަހައްދެއްގައި 4 މީޓަރުގެ އެއްގަމުތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 46 މީޓަރުގެ ސަރަހައްދެއްގައި 3 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި، 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ އިތުރުން 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 9,206 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ.