ޚަބަރު

ރެއާލް ބަލިކުރެވޭނެކަމުގެ އުއްމީދު އެބައޮތް: ސިމިއޯނީ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދައި، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

މިރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް މި ދެ ޓީމު ނިކުންނައިރު ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗު 2-1 ގެ ނަތީޖައަކުން ރެއާލް މެޑްރިޑް ވަނީ މޮޅުވެފަ އެވެ.

"މި ޓީމުގައި ތިބި ކުޅުންތެރިންނަށް އަހަރެން އިތުބާރު ކުރަން އަދި އެ ކުޅުންތެރިންގެ ކިބައިގައި ރެއާލް މެޑްރިޑް ބަލިކުރެވޭނެ ކަމުގެ ފެންވަރު އެބަހުރި." ސިމިއޯނީ ބުންޏެވެ.

"ކުޅުންތެރިން މި މެޗުން މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދާން ބޭނުންވެފައިވާ މިންވަރު އަހަރެންނަށް އިހުސާސް ކުރެވޭ އަދި އަހަރެމެންގެ އުންމީދަކީ މި މުބާރާތުގެ ފައިނަލުގައި ކުޅުން." އާޖެންޓީނާގެ ކުރީގެ ކެޕްޓަން ބުންޏެވެ.

ސިމިއޯނީ އިތުރަށް ބުނެފައިވަނީ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ އަކީ މޮޅު ކޯޗެއް ކަމަށާއި އިޓަލީގައި އޭނާ ހޭދަކުރި ދުވަސްވަރު އިޓަލީގެ ފުޓްބޯޅަ ދަސްވެފައިވީ ނަމަވެސް އެންޗެލޮއްޓީ އަކީ ތަފާތު ކޯޗެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު ދެ މެޗުންވެސް އެތްލެޓިކޯ މެޑްރިޑް ވަނީ ބަލިވެފަ އެވެ. ނަމަވެސް އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި އެ ޓީމަކީ ތަފާތު މޮޅު ކުޅުމެއް ދައްކާ ޓީމެއްކަން މީގެ ކުރީގެ މެޗުތަކުން ވަނީ ސާބިތުކޮށްދީފަ އެވެ.