ޚަބަރު

ޕެނަލްޓީގައި އެތުލެޓިކޯ ބަލިކޮށް ރެއާލް ކުއާޓާ ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ރެއާލް މެޑްރިޑުން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން ބަލިވެ 2-2 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ރެއާލް މެޑްރިޑް އެވެ.

ރެއާލް މެޑްރިޑް އިން 16 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާއިރު މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އެ ޓީމު ނިކުންނާނީ އިނގިރޭސިވިލާތުގެ އާސެނަލް އާއި ދެކޮޅަށެވެ.

މެޑްރިޑްގެ ރިޔާދު މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގެ ތެރޭގައި އެތްލެޓިކޯ މެޑްރިޑްގެ ކޮނޯ ގަލެގާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ކުޅުންތެރިއަކު ޖެހި އެންމެ އަވަސް ލަނޑެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ މެޗުގެ ކުޅުން ފެށުނުތާ 27 ސިކުންތުގެ ތެރޭގަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ދެ ޓީމަށްވެސް ވަނީ މެޗުން މޮޅުވުމުގެ ފުރުސަތު ލިބިފަ އެވެ. މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ރެއާލް މެޑްރިޑް އިން ކުޅުނު ނަމަވެސް ގިނަ ހަމަލަތަކެއް އުފައްދާފައިވަނީ އެތްލެޓިކޯ މެޑްރިޑް އިންނެވެ. އެ ޓީމުގެ ޖުމްލަ 17 ހަމަލައެއް އުފައްދާފައިވާއިރު އޭގެ ތެރެއިން 8 ހަމަލާއަކީ ގޯލަށް އަމާޒުކޮށް ފޮނުވާލާފައިވާ ހަމަލަތަކެވެ.

ޑިފެންސަށް އިސްކަންދީގެން ކައުންޓަ އެޓޭކްތަކުގައި އެތްލެޓިކޯ މެޑްރިޑް އިން އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްފައިވާއިރު އެ ޓީމުގެ ޖޫލިއަން އަލްވަރޭޒް ވަނީ ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑަށް ވަނީ މެޗުން މޮޅުވުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް 70 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ވިނިޝިއަސް ޖޫނިއަރ ފޮނުވާލިއިރު އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ރެއާލް މެޑްރިޑް އިން ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން ލޫކަސް ވަޒްކޭޒްގެ ޕެނަލްޓީ އެތްލެޓިކޯ މެޑްރިޑްގެ ކީޕަރު ޖޭން އޮބްލަކް ވަނީ ދިފާއުކޮށްފަ އެވެ. އަދި އެތްލެޓިކޯ މެޑްރިޑްއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

އެތްލެޓިކޯ މެޑްރިޑް އިން ޖެހި ޕެނަލްޓީގެ ތެރެއިން މާކޮސް ލޮރެންޓޭ ޖެހި ޕެނަލްޓީ ގޯލުގެ ދަނޑީގައި ޖެހިފައިވާއިރު ޖޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ އަކީ ލަނޑެއް ކަމަށް ފުރަތަމަ ނިންމި ނަމަވެސް ވީޑިއޯ ބެލުމަށްފަހު އެ ނިންމުން ވަނީ ފަހުން ބަދަލުކޮށްފަ އެވެ. އެއީ ޕެނަލްޓީ ޖެހި ވަގުގެ އޭނާ ކައްސާލައިގެން ވެއްޓުނުއިރު ދެ ފަހަރު މަތިން ބޯޅައިގައި ޖެހިފައިވާކަމަށް ބަލާފަ އެވެ.