ޚަބަރު

ޕާކިސްތާނުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" ރާއްޖެއަށް


  • މި މަނަވަރު ރާއްޖެއައިސްފައިވަނީ 4 ދުވަހުގެ ދަތުރެއްގައި

  • ޕާކިސްތާނުގެ ކަނޑުގެ ސިފައިންނާއި އެމްއެންޑީއެފްއާ ދެމެދު ހަރަކާތްތަކެއް ކުރިއަށްދާނެ

ޕާކިސްތާނުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" ރާއްޖެ އަތުވެއްޖެއެވެ. މި މަނަވަރު ރާއްޖެއައިސްފައިވަނީ 4 ދުވަހުގެ ދަތުރެއްގައެވެ.

ޕާކިސްތާނުގެ އަސްކަރީ މަނަވަރު "ޕީއެންއެސް އަސްލަތު" ރާއްޖެއަށް އައުމުން، އެމްއެންޑީއެފުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިމަނަވަރު ރާއްޖޭގައި މަޑުކުރާ މުއްދަތުގައި ޕާކިސްތާނުގެ ކަނޑުގެ ސިފައިންނާއި އެމް.އެން.ޑީ.އެފްއާ ދެމެދު ދެފަރާތުގެ މަސްލަހަތު ހިމެނޭ އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން ވިދާޅުވެެއެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި އެއްބާރުލުން ދައްކުވައިދޭ ކަމެއްކަމަށްވެސް އެމްބަސީން ވިދާޅުވެއެވެ. އަދި މިޒިޔާރަތުގެ ތެރޭން އެމްއެންޑީއެފްގެ އޮފިސަރުންނާއި މަނަވަރުގެ އޮފިސަރުނާ ދެމެދު މަސައްކަތުގެ ދާއިރާއިން ކަންކަން ދަސްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ވިދާޅުވެއެވެ.

ޕާކިސްތާނުގެ އަސްކަރީ މަނަވަރު ރާއްޖެއަށް ކުރާ މިދަތުރަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު އޮތް ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރާ ދަތުރެކެވެ. މަނަވަރުގެ މިދަތުރުގައި ބޯޓުގެ ކޮމާންޑިންގ އޮފިސަރ ކެޕްޓަން މުޙައްމަދު އަޒްހަރު އަކްރަމް، އެމް.އެން.ޑީ.އެފްގެ އިސް އޮފިސަރުންނާ ބައްދަލުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދު ދެޤައުމުގެ މަސްލަހަތު ހިމެނޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނުގެ އަސްކަރީ މަނަވަރު ޕީ.އެން.އެސް އަސްލަތަކީ ސޯޑް ކްލާސް ފްރިގޭޓްތަކުގެ ހަތަރުވަނަ ބޯޓެވެ. މިއީ ޕާކިސްތާނުގެ ކަރާޗީ ޝިޕްޔާޑް އެންޑް އިންޖިނިއަރިންގ ވަރކްސް (ކޭ.އެސް އެންޑް އީ.ޑަބްލިއު) ގައި އުފައްދާފައިވާ ބޯޓެކެވެ. މި ބޯޓު އުފައްދާފައިވަނީ 16 ޖޫން 2011 ގައެވެ.