މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އަކީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވަނީ، ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްޤީކުރުމަށް ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް ދެއްވާފައިވާ ލަފާގެ މަތިންނެވެ.
މި ނިންމެވުމާ ގުޅިގެން، އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންއައި "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" 11 މާރިޗް 2025 އިން ފެށިގެން ހިނގަމުންދާނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ދަށުންނެވެ.