ދ.އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ދ.އުއްދޫ ތަރައްޤީކުރުގެ މަސައްކަތް ސަރުކާރުން ފަށްޓަވައިފިއެވެ. ދ.އުއްދޫއަކީ އެއަތޮޅު ރައްޔިތުންނަށް ދަތުރު ދެވޭނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އިޢުލާންކުރެއްވީ ފެބްރުއަރީ މަހު އެއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އުއްދޫ ތަރައްޤީކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އެމަސައްކަތް ކުރުމަށް އެރަށުގެ ޙާލަތު ދިރާސާކުރުމަށް ޚާއްސަ ޓީމެއް ބުރާސްފަތި ދުވަހު އެރަށަށް ޒިޔާރަތްކޮށްފައިވާކަމަށާއި، ވަރަށް އަވަހަށް އެއީ ދ.އަތޮޅުގެ ރައްޔިތުންނަށް ދަތުރުދެވޭނެ ރަށަކަށް ހެދުމަށް ބޭނުންވާ އިންތިޒާމު ހަމަޖައްސަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު @MMuizzu ހަމަޖެއްސެވި ދ. އުއްދޫ، ޕިކްނިކް ދާ ރަށަކަށް ތަރައްޤީ ކުރާނެގޮތުގެ ޕްލޭން ހެދުމަށްޓަކައި، އެ ރަށުގެ ޙާލަތު ދިރާސާ ކުރާނެ ޓީމެއް މިއަދު ވަނީ އެ ރަށަށް ޒިޔާރަތްކޮށްފައި.… pic.twitter.com/hnDfYoIALL
— Adam Shareef Umar (@Adamshareefz) March 13, 2025
ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުން ބޭނުންކުރަމުންދިޔަ ރަށެކެވެ. އެހެންނަމަވެސް އެރަށުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެރަށް ވަނީ ސަރުކާރަށް އަނބުރާ ލިބިފައެވެ. އުއްދޫ މިހާރު ހަވާލުކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާއެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން ބާރުވެރިކުރުވާ، ރަށްރަށަށް އާމްދަނީ ވަންނާނެ މަގުތައް ފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ މިވޭތުވެދިޔަ އަހަރު ތެރޭގައި މީހުން ދިރިނޫޅޭ ބައެއް ފަޅު ރަށްރަށް މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމަނުއްވައިދެއްވާފައެވެ.