ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުރިއަށްގެންދާ ބޮޑުބެރު މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި


  • ބައިވެރިވުމުގެ ފުރުޞަތު މިމާހުގެ 25ގެ ނިޔަލަށް ވަނީ ހުޅުވާލާފައި

  • ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމަކީ އަމާޒެއް

  • މި މުބާރާތް ބީސީސީން ބާއްވަނީ ޕީއެސްއެމްއާ ގުޅިގެން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ކުރިއަށްގެންދާ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ބީސީސީން ހުޅުވާލައިފިއެވެ.

ބީސީސީގެ ފަރާތުން މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ގުޅިގެންނެވެ.

ބީސީސީން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވެބްސައިޓް، www.expo.mv މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި މި ވެބްސައިޓުން މި މުބާރާތުގެ ގަވާއިދާއި އިތުރު މަޢުލޫމާތު ލިބެން ހުންނާނެކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މާރޗް މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުން އެކި ވަނަތަކަށް ހޮވޭ ބޮޑުބެރު ގްރޫޕްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދިނުމަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުންކަމަށް ބީސީސީން ވިދާޅުވެއެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖެއްސުމަކީވެސް މި މުބާރާތުގެ މަޤްޞަދެއްކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ބޮޑުބެރު މުބާރާތުގެ އިތުރުން ބީސީީސީން ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަށް ޚާއްޞަކޮށްގެން ޓިކްޓޮކް ޗެލެންޖެއް ވެސް ފަށާފައެވެ. މި ޗެލެންޖް އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންމެ މަހަކުވެސް ހޮވޭ ޓިކްޓޮކަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އަދި މުޅި ޗެލެންޖުން ހޮވޭ ފަރާތަކަށް 15000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި މަޢުރަޒު އިސްތިހާރުކުރާ ވީޑިއޯތައް @maldives.expo ޓެގްކޮށް، #dhiveheengemauraz25 ނުވަތަ #expomaldives25 ހޭޝްޓެގާއެކު ޕޯސްޓު ކުރުމުން މި ޗެލެންޖުގައި ބައިވެރިވެވެވޭނެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީން ބާއްވާ ޚާއްޞަ މައުރަޒެކެވެ. މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ޤައުމީ ރޫހެއްގައި، ވާދަވެރި ގޮތަކަށް ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމަށް ޚާއްޞަ ޙަރަކާތެއްވެސް ބީސީސީން ވަނީ ފަށާފައެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމާފައެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025ގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްތަކައި ބީސީސީން ވަނީ މި މައުރަޒަށް ޚާއްޞަ ވެބްސައިޓެއްވެސް (www.expo.mv) ތައްޔާރުކޮށްފައެވެ.