އިންޑިއާގައި، އިންޑިއާ އާއި ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެހެންނަމަވެސް ރަނގަޅު ނަތީޖާއަކާއި ހަމައަށް ދެވޭނެކަމުގެ އުންމީދު އެބަ އޮތްކަމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
މިމަހުގެ ނަވާރަ ވަނަ ދުވަހު އިންޑިއާގެ ޝިލޮންގްގައި އިންޑިއާ އާއި ބައްދަލުކުރާ އެކުވެރިކަމުގެ މެޗަށް ތައްޔާރުވަމުންދާ ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗު ސުޒެއިން ބުނީ ރާއްޖޭގެ ޤައުމީ ޓީމުގައި ތަޖުރިބާ ހުރި ކުޅުންތެރިން ގިނަކަމަށެވެ. ހާއްސަކޮށް އިންޑިއާ އާއި އެކު ކުޅުމުގެ ތަޖުރިބާ ހުރި ކުޅުންތެރިން ގިނަ ވެފައި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ފޯމް ރަނގަޅުވުމަކީ މިމެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑު ސަބަބެއް ކަމަށެވެ.
އިންޑިއާ މިހާރު ތަައްޔާރުވަމުންދަނީ އޭޝިއަން ކަޕް ކޮލިފައިންގައި ބަނގްލަދޭޝް އާއި ބައްދަލުކުރާ މެޗަށެވެ. އެމެޗުގެ ކުރިން ރާއްޖެ އާއި އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމާފައިވަނީ ކޮލިފައިން މެޗު ކުޅޭ ސްޓޭޑިއަމްގައެވެ. އަދި މިމެޗަށް އިންޑިއާގެ އެންމެ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތްރީ އަލުން ނަގާފައިވަނީ އޭނާ ރިޕްލޭސް ކުރެވޭނެ ވަރުގެ ކުޅުންތެރިއެއް ނުލިބުމުންނެވެ.
ޤައުމީ ޓީމުން ރިޓަޔަރ ކުރުމަށްފަހު އަލުން އެނބުރި އައިސް ކުޅޭ ފުރަތަމަ މެޗުގައި ދިވެހިރާއްޖެއާއި ބައްދަލުކުރާއިރު ދިވެހި ޓީމުގެ ކޯޗު ސުޒެއިން ބުނީ ޗެތްރީއަކީ އަބަދުވެސް ނުރައްކާ ކުރާނެ ކުޅުންތެރިއެއް ކަމަށާއި އޭނާ ހުއްޓުވުމަށްޓަކައި ހާއްސަ ކަންތައްތަކެއް ރާވާފައި ވާނެކަމަށެވެ.
މީގެ އިތުރުން ސުޒެއިން ވަނީ ފުޓްބޯޅައިގެ ބޮޑު މެދުކެނޑުމެއްގެ ތެރޭގައިވެސް ދިވެހި ކުޅުންތެރިން އަމިއްލައަށް ފިޓްނަސް ހިފެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތް ފާހަގަކޮށް ކުޅުންތެރިންގެ ހިއްވަރަށް ސާބަސްދީފައެވެ.
ދިވެހި ޓީމު އިންޑިއާ އާއި ބައްދަލުކުރާ މެޗަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. 19 ވަނަ ދުވަހު އިންޑިއާ އާއިއެކު މެޗު ކުޅުމަށްފަހު އޭގެ އަނެއް ދުވަހު އެނބުރި ރާއްޖެ އައިސް އެއްދުވަސް ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސް އާއި ބައްދަލުކުރާ މެޗު ކުޅެން ފިލިޕީންސްއަށް ޓީމު ފުރާނެއެވެ.