ޚަބަރު

އެމްއައިބީއަށް ތާރީޚީ ކުރިއެރުމެއް؛ އެސެޓް 1 ބިލިޔަން ޑޮލަރަށް


  • އެމްއައިބީއަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މާލީ އިދާރާއެްް

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ޖުމްލަ އެސެޓް 1 ބިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 16.65 ބިލިޔަން ދިވެހި ރުފިޔާއަށް އަރައިފިއެވެ.

މި ކުރިއެރުމާއެކު، އެމްއައިބީ ވެފައިވަނީ ރާއްޖޭގައި މިވަގުތު އެންމެ ހަލުވިކަމާއެކު ފުޅާވަމުން އަންނަ މާލީ އިދާރާއަކަށެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމްއައިބީން ވަނީ މާލީ ގޮތުން ބޮޑު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން 2022 ވަނަ އަހަރު ބޭންކުގެ ޖުމްލަ އެސެޓް 6.2 ބިލިޔަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 16.65 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 168.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކުހަށް ކެނޑުމަށްފަހު ބޭންކަށް ލިބުނު ސާފު ފައިދާ ވަނީ 121 މިލިޔަން ރުފިޔާއިން 371 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 206.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަަކަށް ބަލާއިރު، ބޭންކިންގ މާކެޓުގައި އެމްއައިބީގެ ހިއްސާއޮންނަ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2022ވަނަ އަހަރު ބޭންކިންގ މާކެޓްގައި އެމްއައިބީގެ ހިއްސާ 7 އިންސައްތައިގައި ހުރިއިރު، މިދިޔަ އަހަރު ނިމުުނުއިރު މިއަދަދު ވަނީ 16 އިންސައްތައަށް އިތުރުވެފައެވެ. އަދި ޑިޕޮސިޓް މާކެޓްގެ ހިއްސާ 7 އިންސައްތައިން 19 އިންސައްތައަށްވެސް ވަނީ އިތުރުވެފައެވެ.

ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ބޮޑުވަމުންދާކަން ހާމަވަނީ ކަސްޓަމަރުންގެ އެކައުންޓްތަކުގެ އަދަދަށް އައި ބަދަލުން ކަމަށް އެމްއައިބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކައުންޓްތަކުގެ އަދަދު 118,989 އިން 218,689 އަށް ވަނީ އިތުރުވެފައެވެ. އަދި ބޭންކުގެ އޮޕަރޭޓިންގ އިންކަމް 343 މިލިޔަން ރުފިޔާއިން 897 މިލިޔަން ރުފިޔާއަށް އުފުލިފައިވާއިރު، ފީ އަދި ކޮމިޝަނުން ލިބޭ އާމްދަނީ ވަނީ 300 އިންސައްތައަށްވުރެ އިތުރުވެފައެވެ.

މިއާއެކު، މިއަދު އެމްއައިބީއަކީ ބޭންކް އޮފް މޯލްޑިވްސްއަށް ފަހު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ ބޮޑު ބޭންކެވެ. އަދި މިއީ ހަމައެކަނި ފައިނޭންސިންގް އާމްދަނީއަށް ބަރޯސާވުން ކުޑަކޮށް، ބޭންކުގެ އާމްދަނީ ލިބޭ މަގުތައް ސިންދަފާތުވެފައިވާކަމުގެ ހެއްކެއް ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން ފާހަގަކުރެއެވެ.