ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަމުންދާ ފަރާތްތަކާ މެދު ޤާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ވަޒީރުންނާއި، އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އާންމުންވެސް ގެންދަނީ ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަތުން ކުށްވެރިކޮށް ޝުޢޫރުފާޅުކުރަމުންނެވެ.
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ޙައްގުތައް ގެއްލޭގޮތަށް ވާހަކަދައްކާފައިވާތީ އެކަން ކުށްވެރިކުރައްވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ، ޒާތީވެ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއް ނެތް މަޢުސޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތް ނަގާލާ ދޮގު ތުހުމަތުތަކާއި، އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެފަދަ ފަރާތްތަކާމެދު ޤާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
އަދި ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރުމުން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމައެކަނި އެޢަމަލު ކުށްވެރިކޮށް ބަޔާނެއް ނެރުއްވާ ފުއްދާނުލެއްވުމަށްވަނީ އެދިވަޑައިގެފައެވެ. އަދި އެފަދަ ޢަމަލުތައް ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަންޖެހޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ…
— Abdul Raheem Abdulla (@Banafsaa) March 14, 2025
އިދިކޮޅު އެމްޑީޕީއިން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މާލޭގެ އެކި ސަރަޙައްދުތަކުގައި ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މިގޮތުން މިދިޔަ ބުދަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދަރިކަލުންގެ ހައްޤަށް އަރައިގަނެ، އެ ދަރިކަލުންނާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައްދައްކާފައެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ވާހަކަދައްކާފައިވާތީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުންވެސްވަނީ މިކަން ކުށްވެރިކުރައްވާފައެވެ. އަދި އެފަދަ ކަންކަން ތަކުރާރު ވިޔަނުދިނުމަށް އަޅުއްވަންޖެހޭ ފިޔަވަޅު އެޅުއްވުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެޗްއާރްސީއެމުންވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން ސަރުކާރުގެ ވަޒީރުންނާއި، އެކި މުއައްސަސާތަކުގެ ވެރިންވެސް ގެންދަވަނީ މިވާހަކަތައް ކުށްވެރިކޮށް ޝުޢުރުފާޅުކުރަމުންނެވެ. އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެމްޑީޕީގެ އެކްޓިވިސްޓަކު ދައްކާފައިވާ ވާހަކަތައް ކުށްވެރިކޮށް އާންމުންގެ ގިނަ ބަޔަކުވެސްދަނީ ޝުޢޫރުފާޅުކުރަމުންނެވެ.