ޚަބަރު

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސްފަނޑިޔާރު ޙުސައިން ޝަހީދު ކުރިމަތިލައްވައިފި


  • ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ 12

  • ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ނިހާޔަތު އެކަނި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލުމުން އެ މަޤާމަށް ހައި ކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު ކުރިމަތިލައްވައިފިއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއް ސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މިއަދު ހެނދުނު 10:00އަށް ވަނީ ހަމަވެފައެވެ. ސުންގަޑި ހަމަވީއިރު މި މަޤާމަށް ކުރިމަތިލައިފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލައިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އެ އިއުލާނުގެ މުއްދަތު ހަމަވީއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވުމުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ވަނީ ހުޅުވާލައިފައެވެ. އެއީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ފުރަތަމަ ފަހަރަށް ހުޅުވާލި ފުރުޞަތުގައި މި މަޤާމަށް ކުރިމަތިލާފައިވަނީ މަރްޔަމް ނިހާޔަތު އެކަނިއެވެ. ނިހާޔަތު މީގެ ކުރިންވަނީ ސިވިލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. އަދި އޭގެފަހުން ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުތަކުގެތެރޭގައި ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

މީގެ ތެރެއިން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ޖޭއެސްސީއަށް އަންގާފައިވުމާއި އެމައްސަލަބަލާތީ ފަނޑިޔާރު ޑރ. އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒް، މި ދެފަނޑިޔާރުން މިވަގުތު ތިއްބެވީ ސަސްޕެންޑްކޮށްފައެވެ.