ޚަބަރު

އިޕްސްވިޗް އަތުން ނޮޓިންހަމްއަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓުން ކާމިޔާބުކޮށްފިއެވެ. ރެލިގޭޝަނުގެ ބިރު ހީވެފައިވާ އިޕްސްވިޗް އަތުން މޮޅުވުމާއެކު ނޮޓިންހަމްއަށް ވަނީ ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރުމަށް އިތުރު އުއްމީދެއް ލިބިފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން 54 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމުގަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 53 ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި އޮތް ލިވަޕޫލް އަށް ވަނީ 70 ޕޮއިންޓް ލިބިފަ އެވެ.

އިޕްސްވިޗްގެ ޕޯޓްމަން ރޯޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 6 މިނުޓުގެ ތެރޭގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފަ އެވެ. އެގޮތުން މެޗުގެ 35 ވަނަ މިނިޓުގައި ނިކޮލާ މިލެންކޮވިޗް ލަނޑެއް ޖަހާ ނޮޓިންހަމް އަށް ކުރި ހޯދަދިންތާ ދެ މިނިޓު ފަހުން އެންތޮނީ އެލަންގާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ނޮޓިންހަމް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 41 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީވެސް އެންތޮނީ އެލަންގާ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިޕްސްވިޗް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށްފަ އެވެ. އަދި މެޗުގެ 82 ވަނަ މިނިޓުގައި ކަޖުސްޓޭ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ނޮޓިންހަމްގެ ޖޮޓާ ސިލްވާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި މެޗުގައި އިޕްސްވިޗް އިން ޖެހި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯޖް ހާރސްޓް އެވެ.

މި މެޗުގައި އިޕްސްވިޗްގެ ޑިފެންޑަރުންނަށް ބޮޑެތި ގޯސްތަކެއް ހެދިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އޭގެ ފައިދާ ނޮޓިންހަމްއިން ވަނީ ވަރަށް ރަގަޅަށް ނަގާފައެވެ.