މުރަކަ ދިރުވައި، ފަރުތައް އިޢާދަކުރުމަށް އޮސްޓްރޭލިޔާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "ރީފްސީޑް" މަޝްރޫޢާއެކު މަރުވެފައިވާ ފަރުތަކަށް ދިރުމެއް ގެނެސްދެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި މުރަކަ ދިރުވުމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ފެށި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ،
"ރީފްސީޑް"ގެ ނަމުގައި މުރަކަ ދިރުވާ އާލާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސްގެ އިތުރުން ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަނާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. 3 އަހަރު ދުވަހުގެ މި މަޝްރޫޢަށް 1.5 މިލިޔަން ޑޮލަރު ހޭދަވެއެވެ.
"ރީފްސީޑް" މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މި ފަދަ މަޝްރޫޢެއް ފެށުމުގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ގާ ހުދުވުމާއި ފަރުތައް ނެތިދިއުމުގެ މައްސަލައިން އަރައިގަނެ ފަރުތައް އަލުން އިޢާދަކުރުން ކަމަށެވެ. އެ ގޮތުން އެކި ސަބަބުތަކާ ހުރެ މުރަކަ ނެތިގޮސް، ފަރުތައް ހަލާކުވުމުގެ މައްސަލަ އެންމެ ގިނައިން ދިމާވާ އެއް ޤައުމަކީ ރާއްޖެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު ފަށާފައިވާ މަޝްރޫޢާއެކު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުރަކަ ހައްދައި އާލާކުރެވި ފަރުތައް އިޢާދަކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބި، ރާއްޖޭގެ ފަރުތަކަށް ދިރުން ގެނެސްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"އޮސްޓްރޭލިޔާގެ އެހީތެރިކަމާއެކު މި މަޝްރޫޢުގެ ދަށުން މުރަކަ އާލާކުރަން ބޭނުންކުރެވޭނީ ވަރަށް ފަސޭހަ ނިޒާމެއް. ޒަމާނީ ޓެކްނޮލޮޖީއާއެކު އިފްތިތާޙުކުރެވޭ މިފަދަ ނިޒާމަކަށް ޒުވާނުންގެވެސް ޝައުގުވެރިކަން ހުންނާނެ. އަޅުގަނޑު ދަންނަވާނީ މި ޕްރޮޖެކްޓާއެކީގައި މަރުވަމުންދާ ފަރުތަކަށް ދިރުމެއް ހޯދައިދެވޭނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މުރަކަ ދިރުވައި އާލާކޮށް، ފަރުތައް އިޢާދަކުރުމުގެ މަސައްކަތަށް މި ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެއްވާނެ ކަމަށެވެ. އެ ގޮތުން މި މަޝްރޫޢުގެ ދަށުން އޮސްޓްރޭލިޔާގެ މެރިން ސައިންސް އިންސްޓިޓިއުޓްއިން 5 ދިވެހި ޒުވާނަކު މި ދާއިރާއިން ތަމްރީންކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަރުތައް ހިމެނޭ ޚާއްސަ ޒޯންތަކެއް ކަނޑައަޅައި އެ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގައި ބޭނުންކުރާނީ ޒަމާނީ ޓެކްނޮލޮޖީއާއެކު މުރަކަ ދިރުވައި އާލާކުރުމަށް އޮސްޓްރޭލިޔާއިން ތައްޔާރުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމު ޤާއިމުކޮށްފައިވަނީ އެމްއެމްއާރުއައި މެރިން ރިސަރޗް އިންސްޓިޓިއުޓް ޤާއިމުކޮށްފައިވާ ކ. މަނިޔަފުށީގައެވެ.
އެމްއެމްއާރުއައިއިން ވިދާޅުވީ ރާއްޖޭގައި ޢާންމުކޮށް މުރަކަ ވިހާ ދުވަސްވަރު ކަމަށްވާ ފެބްރުވަރީ މަހާއި މެއި މަހާ ދެމެދު، އަލަށް ޤާއިމުކުރި ނިޒާމު މެދުވެރިކޮށް މުރަކަ ދިރުވަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި މި ނިޒާމު މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ފަރުތައް އިޢާދަކުރުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމުގެ ދިރާސާތަކެއް ކުރެވޭނެކަމަށްވެސް އެމްއެމްއާރުއައިއިން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ އިޤުތިޞާދު އެންމެ ބޮޑަށް ބަރޯއްސާވާ އެއް ދާއިރާއަކީ ފަތުރުވެރިކަމެވެ. އެ ގޮތުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ފަރުތަކާއި މުރަކަތަކުގެ ރީތިކަމެވެ.