އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލްއިން ކާމިޔާބުކޮށްފިއެވެ. މި މެޗުން އާސެނަލް މޮޅުވުމާއެކު އެ ޓީމުން ވަނީ 29 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދުވާ ފަރަގު 12 ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ޗެލްސީއަށް ލިބިފައިވާ 49 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން އާސެނަލްއިން ވަނީ ޗެލްސީއަށް ކުޅޭނެ އެއްވެސް ފުރުސަތެއް ނުދީ މެޗު ކޮންޓްރޯލްކޮށްގެން ކުޅެ ޗެލްސީގެ ގޯލަސް ނުރައްކާކޮށްފަ އެވެ.
މި މެޗަށް ޗެލްސީ ނިކުތްއިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ކޯލް ޕާމާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މި މެޗުގައި ނުކުޅެ އެވެ. މިއީ މިދިޔަ ސީޒަނުގައި އާސެނަލް އަތުން 5-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވި މެޗަށްފަހު ޕާމާ ނުލައި ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗެވެ.
އަދި ޗެލްސީގެ ކީޕަރު ސަންޗޭޒްގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔަ މި ހާފުގައި ފަހަތަށް ޖައްސާލި ބޯޅައެއް އޭނާ ފޮނުވާލުމުން އާސެނަލްގެ ކުޅުންތެރިއަކަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
އާސެނަލް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 20 ވަނަ މިނިޓުގައި މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އާސެނަލްއަށް ލިބުނު ކޯނަރެއް މާޓިން އޮޑެގާޑް ނަގައިދިން ވަގުތު މާޓިނޭލީ ވަނީ އެ ބޯޅަ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލަނޑު ކާމިޔާބުކޮށްފަ އެވެ.
ޗެލްސީގެ ފަރާތުން މި މެޗުގައި ކިރިޔާވެސް މެޗުގެ ތެރެއަށް ވަދެވުނުތަން ފެނިގެން ދިޔައީ މެޗުގެ 35 މިނުޓުގެ ކުޅުން ނިމުނު ފަހުންނެވެ. އަދި އެ ޓީމަށް ފުރަތަމަ ހާފުގައި އުފެއްދުނު ހަމައެކަނި ހަމަލާ މެޗުގެ 37 ވަނަ މިނިޓުގައި މާކް ކުކުރެއާ ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ ދަނޑި ކައިރިން ބޭރުވެފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ކުޅުން ވަރަށް ބޮޑަށް ރަގަޅު ކުރި ނަމަވެސް އެ ޓީމަށް ވަނީ އާސެނަލް ކޮޅަށް ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ. އަދި މި ހާފުގައި ސަންޗޭޒް ވަނީ މޮޅު ސޭވްތަކެއް ކޮށް އާސެނަލްގެ ހަމަލަތަކެއް ހުއްޓުވާފަ އެވެ.