މި ހަފުތާގައި ލިވަޕޫލްގެ ނަތީޖާތައް ވަރަށް ގޯސް ކަމަށާއި، އެ ޓީމުގެ ކުޅުންވެސް އެހާމެ ގޯސް ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ. އޭނާ މިހެން ބުނީ އިނގިރޭސި ލީގު ކަޕުގެ ތަށި ދިފާއު ނުކުރެވުނު ފައިނަލް މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ.
އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ލިވަޕޫލް އަތުން 2-1 ގެ މޮޅުވީ ނިއުކާސަލް ޔުނައިޓެޑެވެ. މިއީ ފާއިތުވެދިޔަ 70 އަހަރު ތެރޭގައި ނިއުކާސަލް ހޯދި ފުރަތަމަ ތައްޓެވެ.
ފައިނަލް މެޗަށް ފަހު ސްލޮޓް ބުނީ އޭނާގެ ޓީމު ފައިނަލް މެޗުގައި ބަލިވީ ލިވަޕޫލަށްވުރެ ތަށި ހޯދަން ނިއުކާސަލް ބޭނުންވެފައި ތިބުމުން ނޫން ކަމަށެވެ.
"ރަނގަޅު އެމީހުންނަށް ތަށި ލިބުނީ 70 އަހަރު ފަހުން. އެއީ ވަރަށް ހާއްސަ ކަމެއް. އެއީ ސަޕޯޓަރުންނަށް ވަރަށް ލިބޭނެ ވަރަށް ހާއްސަ އުފަލެއް. އެކަމަކު އެމީހުން އަހަރުމެންނަށްވުރެ ތަށި ހޯދަން ބޭނުންވެފައި ތިބުމަކުންނޫން މިކަން މިހެން މިދިމާވީ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ލިވަޕޫލްގެ ކޮންމެ ކުޅުންތެރިއަކީވެސް ކުޅޭ ކޮންމެ މުބާރާތެއްގެ ތަށި ހޯދަން ބޭނުންވާނެ ކުޅުންތެރިއެއް ކަމަށެވެ.
"އެމީހުން ކުރިން މި ތަށި ހޯދާފައި ވިޔަސް ކުޅޭ ކޮންމެ މުބާރާތެއް ވެސް ކާމިޔާބު ކުރަން ކުޅުންތެރިން ބޭނުންވާނެ. އެއީ ކުޅުންތެރިއެއްގެ ކެރިއަރުގައި މި ލިބެނީ 15 ވަރަކަށް އަހަރު. އެހެންވީމާ އެމީހުން ތަށި ހޯދަން ބޭނުންވާނެ،" ސްލޮޓް ބުންޏެވެ.
އެކަމަކު ޕީއެސްޖީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި ކުޅުނު މެޗަށް ފަހު ލިވަޕޫލްގެ ފަރާތުން ފެނިގެންދަނީ ވަރަށް ގޯސް ކުޅުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
"މި ސީޒަނުގައި އަހަރުމެންނާ ދެކޮޅަށް ކުޅުނު އެންމެ މޮޅު އެއް ޓީމަކީ ޕީއެސްޖީ. ދެން ނިއުކާސަލް އަކީ ވެސް މޮޅު ޓީމެއް. އެހެންވީމާ އެމީހުން އަހަރުމެން ބަލިކޮށްފައި ކުރިއަށް އެދިޔައީ. މި ނަތީޖާތަކުގެ ސަބަބުން އަހަރުމެން އެބަޖެހޭ ކުރިއަށް ހުރި މެޗުތަކާމެދު ވިސްނަން،" ކޯޗު ބުންޏެވެ.
އަށް އަހަރަށްފަހު ލިވަޕޫލްގެ ކޯޗުގެ މަގާމުން ޔާގެން ކްލޮޕް ވަކިވުމުން މި ސީޒަނުގައި އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ސްލޮޓަށް މި ސީޒަނުގައި ތައްޓެއް ހޯދެން އެންމެ ފަހި ފުރުސަތަކީ އިނގިރޭސި ޕްރިމިއަރ ލީގެވެ. ލީގުގައި ބާކީ 10 މެޗު އޮތްއިރު ލިވަޕޫލް އުޅެނީ 15 ޕޮއިންޓުގެ ތަފާތަކާއެކު ތާވަލުގެ ކުރީގައެވެ. ނަމަވެސް ކޯޗު ބުނީ އެ ލީޑަށް ނުބަލައި އޭނާ ބޭނުންވަނީ ކުޅުންތެރިން ކުޅުން ރަނގަޅު ކުރުމަށް ކަމަށެވެ.