ޞުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް ބޭއްވުމަށް އީރާނުން އެއްބަސްވެފައި ނުވާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ. އީރާނުން މިހެން ބުނެފައި މި ވަނީ އޭޕްރިލް މަހުގެ 20ވަނަ ދުވަހު މަޝްވަރާތައް ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެފައި ވަނިކޮށެވެ.
އީރާނުން ބުނީ މަޝްވަރާގެ އިތުރު ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެމެރިކާއިން ފަތުރަމުން ދަނީ ދޮގެއް ކަމަށެވެ. އެއީ އެމެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތިކުރުވާ، އީރާނަކީ ގޯސްހަދާ ބައެއްކަމަށް ދެއްކުމަށް ކުޅެމުންދާ “މީޑީޔާ ގޭމެއް”ގެ ގޮތުގައި އެ ޤައުމުން ވަނީ ސިފަކޮށްފައެވެ. އެމެރިކާއިން ކުރަމުންދާ ޑިމާންޑުތަކާއި އިރުއިރުކޮޅާ އެ ޤައުމުގެ ވިސްނުން ބަދަލުކުރާކުރުމާއި، ދައްކަމުންދާ ފުށުއަރާ ވާހަކަތަކާއި ޙާޞިލްކުރަން ބޭނުންވާ ހުވަފެނީ މަޤްޞަދުތަކާއި އީރާނުގެ އުޅަނދުފަހަރަށް ހުރަސްއެޅުންފަދަ ކަންކަމަކީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފު ކަންކަން ކަމަށް ވެސް އީރާނުން ބުނެފައިވާ ކަމަށް އެ ޤައުމުގެ ރަސްމީ ނޫސް އިދާރާއިން ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ ފެބްރުއައީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން ވަނީ އީރާނަށް ޙަމަލާދީ ހަނގުރާމަ ފަށައިފައެވެ. އެއާއެކު އީރާނުން ވަނީ ތެލާއި ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ހަ ހަފްތާ ވަންދެން ޙަމަލާ ބަދަލުކުރުމަށް ފަހު ދެ ފަރާތުން މިހާރު ވަނީ ހަނގުރާމަ މެދުކަނޑައިލުމަށް ނިންމާ، ޞުލްޙައިގެ މަޝްވަރާތައް ކުރަން ފަށައިފައެވެ. މަޝްވަރާގެ ފުރަތަމަ ބުރުގައި ކުރިއެރުމެއް ނުލިބުމުން އެމެރިކާއިން ވަނީ އިރާނުގެ ބޯޓުފަހަރަށް އެ ޤައުމުގެ ބަނދަރުތަކުން ލަފާފުރުން އެމެރިކާގެ ކަނޑުގެ ސިފައިން ހުއްޓުވާނެ ކަމަށް އިޢުލާނުކޮށްފައެވެ. އީރާނުގެ އުޅަނދުފަހަރަށް ހުރަސްއަޅާނަމަ މަޝްވަރާތަކުގައި އެ ޤައުމުން ބައިވެރިނުވާނެ ކަމަށް އެ ޤައުމުން ބުނެފައިވެއެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާގެ ދެވަނަ ބުރުގައި ބައިވެރިވުމަށް އެމެރިކާގެ ވަފްދަކުން ޕާކިސްތާނަށް ދަތުރުކުރާނެ ކަން ކަށަވަރުކޮށްދެއްވައިފައެވެ. އެ ވަފްދުގައި އިސްކޮށް ހުންނަވާނީ އެ ޤައުމުގެ ނައިބު ރައީސް ޖޭޑީ ވޭންސްއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި މަޝްވަރާގެ ފުރަތަމަ ބުރުގައި ބައިވެރިވި ވަފްފުގައި ވެސް އިސްކޮށް ހުންނެވީ އޭނާއެވެ. ވޭންސްގެ އިތުރުން ޓްރަމްޕްގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނަރ ވެސް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.