މިއަހަރުގެ "ރައިސީނާ ޑައިލޮގް"ގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އިންޑިއާއަށް ވަޑައިގެންފިއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާޙުކުރައްވާ ރައިސިނާ ޑަޔަލޮގްގެ 10 ވަނަ އެޑިޝަންގައި ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މި އަހަރުގެ ރައިސިނާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަންއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ޑަޔަލޮގްގެ ތެރެއިން "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް"ގެ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި މި ޕެނަލް ޑިސްކަޝަންގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ ދަތިތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމުގެ މައްޗަށް ވަޒީރު އަލިއަޅުވާލައްވާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޖަންކަރުގެ އިތުރުން ރައިސީނާ ޑައިލޮގްއަށް ވަޑައިގަންނަވާ އެހެނިހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ރައިސީނާ ޑައިލޮގް ކުރިއަށްދާނީ މިމަހުގެ 17 އިން 19 އަށް އިންޑިއާގައެވެ. ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.