ޚަބަރު

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އާއި ޑިޕްލޮމާ ކޯހުން 113 ދަރިވަރަކު ދަސްވެނިވެއްޖެ


  • ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރީ 64 ދަރިވަރުން

  • 49 ދަރިވަރުންވަނީ ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ފުރިހަމަކޮށްފައި

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި، ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ކީރިތި ގުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުގެ ދަސްވެނިވުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު
ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ކީރިތި ގުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯހުގެ ދަސްވެނިންގެ ތެރޭގައި ހިމެނެނީ ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި 64 ދަރިވަރުންނާއި، ޑިޕްލޮމާ ކޯސް ފުރިހަމަކުރި 49 ދަރިވަރުންނެވެ.

މިރަސްމިއްޔާތުގައި ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު އާއި ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު ޢަބްދުލްހަކީމެވެ. ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދާއި، އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ ޤުރުއާން އުނގެނުމަކީ އަދި ޤުރުއާނަށް ޚިދުމަތް ކުރުމަކީ ވަރަށްބޮޑު ޝަރަފެއްކަމަށެވެ. އަދި އެކަމކަި ދުނިޔަވީ މާއްދީފައިދާއެއް އެކަމުގެ މައްޗަށް އިސްކުރަންޖެހޭ ކަމެއްކަމަށެވެ. ވަޒީރު ވިދާޅުވީ ޤުރުއާން އުނގަންނައިދިނުމުގެ ޝަރަފް އިޚްތިޔާރުކުރިމީހާއަށް ﷲ ސުބުހާނަހޫ ވަތަޢާލާ ޝަރަފްދެއްވާނެ ކަމަށެވެ. ވަޒީރު ޝަހީމް ވަނީ ޤުރްއާނުގެ ތަޢުލީމީ ދާއިރާއިން ދަރިވަރުން ހާސިލުކުރި ޢިލްމީ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވާފައެވެ.

ދަސްވެނިވުމުގެ މިރަސްމިއްޔާތަކީ ކީރިތި ޤުރްއާނުގެ ތަޢުލީމު ހަރުދަނާކުރުމަށާއި، ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ކުރިޔަށް އަންނަން އޮތް ޖީލުތަކަށް ސައްހަ ޤުރްއާނީ ޢިލްމު ފޯރުކޮށްދެވޭނެ ގާބިލު މުދައްރިސުން ބިނާކުރުމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކާމިޔާބީއެއްކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ކޯސް‌ތައް ކާމިޔާބުކަމާއެކު ނިންމާލުމަކީ އިސްލާމީ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ދީނީ އުނގަންނައިދިނުމުގެ ދާއިރާއިން ޢިލްމީ ގާބިލުކަން އިތުރުކުރުމަށާއި، މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ޤައުމީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ލިބިގެންދިޔަ ބޮޑު ބާރެއްކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.