ޚަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން އެއް ބިމެއް، އެތައް ބަޔަކަށް ދީފައިހުރި މައްސަލަތަކެއް


  • އެއް ބިމެއްގައި ޢިމާރާތް އެޅުމަށް އެތައް ބަޔަކު އެދޭ

  • އެޗްޑީސީން ވަނީ ގޯތީގެ އޮޑިޓެއް ހަދާފައި

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ތެރެއިން އެއް ބިމެއް، އެތައް ބަޔަކަށް ދީފައިހުރި މައްސަލަތަކެއް ފާހަގަވެ، އެ ކަން ތަޙުޤީޤުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފުލުހުންނަށް ހުށައަޅައިފިއެވެ.

އެޗްޑީސީން ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް މީހަކަށްވުރެ ގިނަ ބަޔަކު ހުއްދައަށް އެދެމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ އެއް ބިމެއްގައި ގޯތި އަޅަން އެތައް ބަޔަކު އެދެމުންދާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެ ގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ޚާއްޞަ އޮޑިޓެއް ހެދުމުން މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެހެންކަމުން މިކަން އިތުރަށް ތަޙްޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާރު ހުށަހަޅާފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް، މިފަދަ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމޭލެއިން ގޯތި ލިބޭ ފަރާތްތަކުގެ ގުރުލުން ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ދައުރު ނިމެން ގާތްވެފައިވަނިކޮށް، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. ގޯތި ޙަވާލުކުރަން ފަށާފައިވަނީ އެ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.

މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގައި 9،000 އަށްވުރެ ގިނަ ގޯތި މާލެ ސަރަޙައްދުން ދޫކުރުމަށް ކަނޑައެޅިއެވެ. އޭގެތެރޭގައި ހުޅުމާލެއިން އެކަނިވެސް 1،351 ގޯތި ދިނުމަށް ކަނޑައަޅާފައިވެއެވެ. އަދި މިހާތަނަށް 600އަށްވުރެ ގިނަ ގޯތި ވަނީ ހަވާލުކޮށްފައެވެ.