ސްޕެނިޝް ލީގުގައި މި މަހުގެ ކުރީކޮޅު އޮސަސޫނާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބާސެލޯނާގެ ޑޮކްޓަރު މަރުވުމާ ގުޅިގެން ފަސްކުރި މެޗު މި މަހުގެ 27 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއްޔެ ބުނެފައިވަނީ އެ މެޗު މި މަހުގެ 27 ވަނަ ދުވަހު ކުޅެން ނިންމާފައިވާ ކަމަށެވެ. އެއާއެކު މިހާރުގެ ޝެޑިއުލް އޮތް ގޮތުން ޖެހިގެން އަންނަ 28 ވަނަ ދުވަހު އޮސަސޫނާއިން އެތުލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ރަށުން ބޭރުގައި މެޗެއް ކުޅޭނެވެ. ނަމަވެސް އެ މެޗަށް ވާނެ ގޮތެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އެކަމަކު ބާސެލޯނާއިން ވަނީ މި ތާރީޚު އެހެން ދުވަހަކަށް ބަދަލުކުރުމަށް އެދޭނެ ކަމަށް ބުނެފައެވެ. ސަބަބެއް ކަމަށް އެ ޓީމުން ބުނެފައިވަނީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އާއި އުރުގުއޭ ކުޅޭ މެޗަށް އެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ ރަފީނިއާ އާއި ރޮނާލްޑް އަރައުހޯ ގައުމީ ޓީމަށް ދޫކުރަން ޖެހިފައިވާއިރު، މި މެޗުގައި އެ ދެ ކުޅުންތެރިން ބޭނުން ނުކުރެވޭނެތީއެވެ.
މި މަހުގެ އަށްވަނަ ދުވަހު އޮސަސޫނާ އާއި ބާސެލޯނާ ކުޅެން އޮތް މެޗަށް ހުރިހާ ކަމެއް ހަމަޖެހި، ދަނޑަށް ސަޕޯޓަރުން ވަނުމުގެ އިތުރުން ދެ ޓީމުގެ ކުޅުންތެރިން މެޗުގެ ކުރިން ވޯމްއަޕްވެސް ކުރި ފަހުން ބާސެލޯނާއިން ވަނީ މެޗު ލަސްކުރިކަން އިއުލާންކޮށްފައެވެ. ބާސެލޯނާގެ ޑޮކްޓަރު ކާލްސް މިނަރޯ ގާސިއާ ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން ސްޕެއިންގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅެން އޮތް މެޗުގެ ގަޑިއެއްހާއިރު ކުރިން މެޗު ފަސްކުރަން ނިންމީ ބާސެލޯނާއިން އެދުމުންނެވެ. އެކަމަށް އެއްބަސްވެ، ސްޕެނިޝް ލީގާއި އޮސަސޫނާއިންވެސް ވަނީ ބާސެލޯނާއަށް ތައުޒިޔާ ކިޔާފައެވެ. ޑޮކްޓަރު މިނަރޯ މަރުވީ ކުޅުންތެރިންނާއެކު ހޮޓަލުގައި އުޅެ، އެކީގައި ކައި، ނިދާފައި އޮއްވައި ކަމަށްވެއެވެ. ނަމަވެސް އޭނާގެ މަރާ ގުޅޭ މާގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ސްޕެނިޝް ލީގު ތާވަލަށް ބަލާއިރު، ތާވަލުގެ ކުރީގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 60 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން ވަނ އިތުރަށް މެޗެއް ކުޅެފައެވެ.