މިމަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އާޅާބަލާއިރު 6.9 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 16 ދުވަސްތެރޭ ރާއްޖެއަށް 102،927 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 96،239 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 6.9 އިންސައްތަ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 531،881 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 506،016 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން 65،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ޗައިނާ – 65،896 ފަތުރުވެރިން.
ރަޝިއާ – 54،334 ފަތުރުވެރިން
އިންގިރޭސިވިލާތު – 54،165 ފަތުރުވެރިން
އިޓަލީވިލާތު – 50،477 ފަތުރުވެރިން
ޖަރުމަންވިލާތު – 36،523 ފަތުރުވެރިން
ރިސޯޓް – 366،995 ފަތުރުވެރިން
ގެސްޓްހައުސް – 136،131 ފަތުރުވެރިން
ހޮޓެލް – 15،261 ފަތުރުވެރިން
ސަފާރީ – 13،184 ފަތުރުވެރިން
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.