1446 ވަނަ އަހަރު މާލޭ ސަރަހައްދުގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްކަންދަރު ސްކޫލުގައި ހަމަޖައްސައިފިއެވެ.
އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިމަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ، މާލޭ ސަރަހައްދުގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން ކުރިން ހަމަޖައްސާފައިވަނީ މަޖީދިއްޔާ ސްކޫލުގައި ނަމަވެސް މިހާރު އެ އިންތިޒާމް އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފައިވާކަމަށެވެ.
އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު 13:00 އިން ހަވީރު 16:00 އަށް އިސްކަންދަރު ސްކޫލުން ގޮވާމުގެ ގޮތުގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
• އާދައިގެ ހަނޑޫ
• ތައިލެންޑް ހަނޑޫ
• ބާސްމަތީ ހަނޑޫ
• ރަތް ހަނޑޫ
• ގޮދަން ފުށް
• އާޓާ ފުށް
ފިޠުރު ޒަކާތުގެ ދައްކާނީ އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.