ޚަބަރު

ފުރުސަތުތައް އެބަހުރި، މެރިކަލްޗަރ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބޭނެ


  • މެރިކަލްޗަރ ކުރުމަށް 4 ސަރަޙައްދެއް ވަނީ ކަނޑައަޅުއްވާފަ

  • މި ސަރަހައްދުތަކުގައި މެރިކަލްޗަރ ކުރުމަށް ލޭންޑް އެކުއިޒިޝަނަށް ފީއެއް ނުނަގާނެ

ރާއްޖޭގައި މެރިކަލްޗަރ ދާއިރާއަށް އިންވެސްޓްމެންޓްކުރުމުގެ ޝައުގުވެރިކަން ވިޔަފާރިވެރިންގެ އެބަހުރި ކަމަށާއި، މިހާރުވެސް ރަނގަޅު ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީކުރުމަށް މިހާރު ކުރާ މަސައްކަތްތަކާއި ބެހޭ ގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، މި ސަރަހައްދުތަކުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި މެރިކަލްޗަރއަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މި ދާއިރާގައި ފުރުސަތުތައް އެބަހުރިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިހާރުވެސް ވަނީ މެރިކަލްޗަރ ކުރުމުގެ ފުރުޞަތު ދިވެހީންގެ އިތުުރުން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލައިފައެވެ.

"ދިވެހިރާއްޖޭގައި މެރިކަލްޗަރ ކުރުމުގެ ފުރުޞަތު މިއޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފަ. ވަކިން ޚާއްޞަކޮށް އެކުއަކަލްޗަރ ކުރުމަށް ބޭރުގެ ފަރާތްތަކަށްވެސް މިއޮތީ އޯޕަން ކުރެވިފަ. އަޅުގަނޑުމެންނަށް މިހާރުވެސް އެބައޮތް މިނިސްޓްރީއަށް ވަރަށް ބޮޑެތި ޕްރޮޕޯޒަލްތައް ލިބިފަ. އެހެންވެ ކުރިން ދެންނެވިހެން އަޅުގަނޑުމެންނަށް އެބަފެނޭ އެހެން ސިނާއަތްތަކެކޭވެސް އެއްފަދައިން މި ސިނާއަތްވެސް ކުރިއަރައިގެންދާތަން." ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާއި ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މެރިކަލްޗަރ ސިނާޢަތަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް މިހާރުވެސް 4 ސަރަޙައްދެއް ކަނޑައަޅުއްވާފައިވާކަމަށެވެ. އެ 4 ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މިކަމަށް ވަނީ ކަނޑައަޅާފައެވެ.

މެރިކަލްޗަރ ކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައިވާއިރު މި ސަރަހައްދުތަކުގައި މެރިކަލްޗަރ ކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ލޭންޑް އެކުއިޒިޝަނަށް ފައިސާގެ އިތުރުން، ފުރަތަމަ 3 އަހަރުގެ ބިމު ކުލިވެސް ނުނަގާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު މި މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ރާއްޖެ އެތެރެކުރުމަށް ޑިއުޓީ މާފުވެގެންދާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުންދާއިރު، މި މަސައްކަތުގެ ނަފާ އެންމެ އެދެވޭ ގޮތެއްގައި ލިބިގެންދާނީ މި މަސައްކަތް ކުރާނެ ޤާބިލް ދިވެހި ދަރީންތަކެއް ތަމްރީނުކޮށްގެންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.