ޚަބަރު

ޣައްޒާ ކާޑަށް ޖެހެނީ، ކުރިއަށް އޮތް ހަ ދުވަސް ތެރޭގައި ގޮދަންފުށް ހުސްވާނެ: އދ


ފަލަސްޠީނުގެ ޣައްޒާގައި މި ވަގުތު ހުރީ، ކުރިއަށް އޮތް ހަ ދުވަހަށް ބޭނުންވާ ފުށް އެކަނި ކަމަށް، ޣައްޒާއަށް އެހީ ފޯރުކޮށްދޭ އދ.ގެ ޖަމާޢަތުން ބުނެފިއެވެ.

"އަޅުގަނޑުމެން ފޯރުކޮށްދޭ ވަރު މަދުކޮށްގެން ކޮންމެވެސް ވަރަކަށް ފުއްދާލެވިދާނެ. އެކަމަކު އަޅުގަނޑުމެން މިދައްކަނީ ހަފްތާގެ ވާހަކައެއް ނޫން. މަދު ދުވަސްތަކެއްގެ ވާހަކަ،" ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ)ގެ އޮފިޝަލެއް ކަމަށްވާ ސޭމް ރޯޒް ވިދާޅުވިއެވެ.

އެހީ ވެއްދުމުގެ މަގުތައް ހަނިވެ، ޣައްޒާ މިވަގުތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް އަންރުވާ އިން ދަނީ ބުނަމުންނެވެ.

"ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީގައި ހިންގަމުންދިޔަ 25 ބޭކަރީގެ ތެރެއިން ހަ ބެކަރީއެއް ބަންދުކުރަން ޖެހުނީ. ބޭކާރީތަކުގެ ބޭރުގައި ގިނަ ބަޔަކު އެއްވެފައި އެބަތިބި،" ރޯޒް އިތުރަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޮކްޓޯބަރު 2023 ގައި، ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާއަށް ޢުދުވާނުތައް ދޭން ފެށި ފަހުން، ޣައްޒާގެ ނިކަމެތިކަން މި މިންވަރަށް ވެއްޓިފައެއްނުވެއެވެ.

15 މަސް ދުވަސް ވަންދެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޙަމަލާތައް ގާތްގަނޑަކަށް ދެ މަސް ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަަހު، އަލުން ދޭން ފަށާފައިވާ ޙަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ޣައްޒާއަށް ޙަމަލާތައް ދޭން ފެށުމުގެ ކުރިން، މި މަހުގެ ކުރީ ކޮޅުން ފެށިގެން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައެވެ.