ޚަބަރު

ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް


  • ކޮރަޕްޝަންގެ ތުޙުމަތާއެކު ޝަމްޢާން ވަނީ މަޤާމުން ވަކިކޮށްފައި

  • މި މައްސަލައިގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިކަން ހާމަކުރައްވާފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ފަށާފައިވާ ތަޙުޤީޤާ ގުޅޭގޮތުން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

ފުލުހުން ނެރުނު ބަޔާނުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން ފާހަގަވި ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އަދާކުރަމުންދާ ޓާސްކް ފޯރސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވާކަމަށެވެ.

އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި އެފައިސާތައް ހިފައިގެން، 2025 މާރިޗު 21 ވަނަ ދުވަހާ ހަމައަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމު އަދާކުރަމުން ދިޔަ މުޙައްމަދު ޝަމްއާން ވަޙީދު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަންވެސް ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 5 މީހުން ހުއްޓުވައި ބަލައި ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އަދި މުޙައްމަދު ޝަމްއާން ވަޙީދު ދިރިއުޅޭ ގެ ބަލާފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މައްސަލާގައި ތުހުމަތުކުރެވޭ 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު، އިމިގްރޭޝަން ކޮންޓްރޯލާގެ މަޤާމުގައި ހުރި ޝަމްޢާން ވަހީދު އެ މަޤާމުން ވަނީ ވަކިކޮށްފައެވެ.