ޚަބަރު

ޓުޗެލްގެ ފުރަތަމަ މެޗުގައި އަލްބޭނިއާ އަތުން އިންގްލެންޑް މޮޅުވެއްޖެ


އިންގްލެންޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް ކޭ ގައި އަލްބޭނިއާ އާއި ދެކޮޅަށް ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާދައިގެ ކުޅުމެއް އިންގްލެންޑްގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު މި މެޗުގައި އެންމެ ބޮޑު އިތުބާރަކާއި ޔަގީންކަމެއް ހޯދާފައިވަނީ އާސެނަލްއަށް ކުޅެމުންދާ ޒުވާން ޑިފެންޑަރ މައިލްސް ލެވިސް-ސްކެލީ އެވެ.

މި މެޗުގައި އިންގްލެންޑް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ދިން ޕާހަކުން އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީވެސް ލެވިސް-ސްކެލީ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ފުރަތަމަ ގޯލެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ އިންގްލޭންޑްގެ ގައުމީ ޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ. ރޭގެ މެޗުގައި ލެވިސް-ސްކެލީ ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 18 އަހަރާއި 176 ދުވަހެވެ. މީގެ ކުރިން މި ރެކޯޑް އޮތް މާކަސް ރަޝްފޯޑް 2016 ވަނަ އަހަރުގެ މެއި މަހު އޮސްޓްރޭލިއާ އާއި ދެކޮޅަށް ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 18 އަހަރާއި 209 ދުވަހެވެ.

މި މެޗުގައި ތޯމަސް ޓުޗެލް ވަނީ ނިއުކާސަލްގެ ޑޭން ބާން އަށްވެސް ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. ޑޭން ބާން ވަނީ އެފްއޭ ކަޕްގެ ފައިނަލުގައި ލިވަޕޫލް އަތުން ނިއުކާސަލް މޮޅުވި މެޗުގައި ލަނޑު ޖަހާފަ އެވެ.

އިންގްލެންޑް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު 104 ވަނަ މެޗުގައި ޖެހި 70 ވަނަ ލަނޑެވެ.