ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ ލީބިޔާގައި ރައްޔިތުންގެ ބައިވެރިވުމާއެކު ޚާއްޞަ ކެއުމެއް ތައްޔާރު ކުރާ މަހެކެވެ. ގިނަ ޢަދަދެއްގެ މީހުން އެއްވެ ބޮޑު ކެއުން ތައްޔާރު ކޮށް އެ ސަރަޙައްދެއްގައި އުޅޭ މީހުންނަށް އެ ކެއުން ބަހައި އެންމެން އެކުގައި ކައި ހަދައެވެ. އެ ގޮތުން ލީބިޔާގައި ތައްޔާރު ކުރާ ސަޤާފީ އެއް ކެއުމަކީ ބާޒީީން ކިޔާ ކެެއުމެކެވެ.
ބާޒީނަކީ ރޯދަ ވީއްލާ ގަޑީގައި ކެއުމަށް ލީބިޔާގެ ރައްޔިތުން ލޯބި ކުރާ ކެއުމެކެވެ. މިއީ ފޮނިކާއެއްޗެއް ނޫނެވެ. މި ކެއުން ތައްޔާރު ކުރަނީ ބާރުލީ ފުށާއި ތަރުކާރީއާއި ކަނބަޅި މަސް ބޭނުން ކޮށްގެންނެވެ. ކުކުޅު ވެސް ގެރި މަސް ވެސް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ލީބިޔާއަކީ ގިނަ ހަމަނުޖެހުންތައް ގިނަ، ހަނގުރާމައިގެ ޙާލަތުގައި އެތައް އަހަރެއް އޮތް ޤައުމެއް ކަމުން އެއްގަމު މަހާއި ގިނަ ވައްތަރުތަކުގެ ތަރުކާރީ ފަދަ ތަކެތި ހޯދުމަކީ ފަސޭހަ ކަމެއް ނޫނެނެވެ. އެހެންކަމުން މި ކެއުން ތައްޔާރު ކުރާއިރު ބޭނުންވާ ތަކެތި ނުލިބިއްޖެ ޙާލަތެއްގައި ބައެއް ފަހަރު ހަމައެކަނި ޓޮމާޓޯ ސޯސްގަނޑެއް ވެސް ހަދައެވެ.
ލީބިޔާގެ ތަޖޫރާ އަވަށުގައި ބާޒީން ތައްޔާރު ކުރުމުގައި އަވަށުގެ ކުދިބޮޑު އެންމެން ބައިވެރިވެއެވެ. ކެއްކުމުގެ މަރުޙަލާއާއި ތައްޔާރުކުރި ކާނާ ބެހުމުގެ މަރުޙަލާ ވެސް ހިމެނޭ ގޮތަށެވެ. ވަކި ސަރަޙައްދަކަށް އެއްވެ ވަގުތީ ބަދިގެއެއް ހަދައި ބާޒީން ތައްޔާރު ކުރުމަށް ބޭނުންވާ ބަނަސް ފިހަނީ ތަޖޫރާގެ ފިރިހެނުންނެވެ. ބަނަސް ތައްޔާރު ކުރުމަށްޓަކައި މާސިންގާ ތެލިތެލީގައި ބާރުލީ ފުށާއި ފެން އެއްކުރުމަށް ފިރިހެންވެރިން ބޭނުން ކުރަނީ ދިގު ލަކުޑި ބުރިބުރިއެވެ. އެއްބަޔަކު ފުށްގަނޑު މޮޑުމުން އަނެއް ބަޔަކު އެ ފުއްގަނޑު ދަމާ ބައި ކުރަނީއެވެ. އެންމެންވެގެން ފުށްގަނޑު ތައްޔާރު ކޮށް އެ އާވިން ކައްކައެވެ. ނުވަތަ ފިހެއެވެ. ބަނަސްތައް ފިހެފައި، ބޮޑެތި ތެލިތެލީގައި އަތުޖެހުނު ތަރުކާރީއެއް ބޭނުންކޮށްގެން ތައްޔާރުކުރާ ސޯސްގަނޑު، ބަނަސް ލާފައި އޮންނަ ތަށިތެރެއަށް އަޅާލައެވެ. އޭރުން ބާޒީން ތައްޔާރުކޮށް ނިމުނީއެވެ.
ކައްކާ ނިމުމުން ތައްޔާރު ކުރި ކެއުން އާންމުންނަށް ބަހާ ގަޑި ޖެހުނީއެވެ. ކުދި ބޮޑު އެންމެންވެގެން ބާޒީން ތައްޔާރު ކުރާ ސަރަޙައްދަށް އެއްވެ ކިޔު ހަދާފައިވާ މީހުންނަށް ތައްޔާރުކުރި ކެެއުން ބަހައެވެ. ފަޤީރުންނާއި މިސްކީނުން ހޯދައި އެ ގޭގެއަށް ވެސް ކެއުން ފޯރުކޮށްދެއެވެ.
ރަށު އެންމެންގެ ބައިވެރިވުމާއެކު ބާޒިން ތައްޔާރު ކުރުން މިއީ މުހިންމު އިޖުތިމާޢީ މަސައްކަތެކެވެ. ބާޒީން ތައްޔާރު ކުރުމުގައި ރައްޔިތުން ބައިވެރިވުމުން މަސައްކަތް ލުއިވުމުގެ އިތުރުން ގިނަ ބަޔަކަށް ރޯދަ ވީއްލާނެ ކާބޯތަކެތި ފޯރު ކޮށްދިނުމަށް ކުރާ މާތް މަސައްކަތެއްގައި ވެސް ބައިވެރިވެވުނީއެވެ.