2016ވަނަ އަހަރާއި 2024ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަ ކުރައްވާފައިވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ހިލަރީ ކްލިންޓަނާއި ކަމަލާ ހެރިސާ ދެކޮޅަށް އޭނާ ފިޔަވަޅުތަކެއް އަޅުއްވައިފިއެވެ. ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވަނީ އެ ދެ ކެނޑިޑޭޓުންގެ މައްޗަށް ވެސް ކުރި ހޯއްދަވާފައެވެ. 2016ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރައްވާފައި ވަނީ ކްލިންޓަނެވެ. އަދި، ހުސްވި އަހަރު ބޭއްވި އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯއްދަވާފައި ވަނީ ހެރިސްގެ މައްޗަށެވެ.
ކްލިންޓަނާއި ހެރިސާ ދެކޮޅަށް ޓްރަމްޕް އަޅުއްވާފައިވާ އެންމެ ފާހަގަ ކޮށްލެވޭ ފިޔަވަޅަކީ، ޤައުމީ ސަލާމަތަށް ޓަކައި ސިއްރު ކޮށްފައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމަށް އެ ބޭފުޅުންނަށް ދޫކޮށްފައި އޮތް 'ސެކިޔުރިޓީ ކްލިއަރެންސް' ބާޠިލު ކުރެއްވުމެވެ. މިއީ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިންނާ ދެކޮޅަށް ޓްރަމްޕް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މީގެ ކުރިން ޓްރަމްޕް ވަނީ، ކުރީގެ ރައީސް ޖޯ ބައިޑަންގެ ސެކިޔުރިޓީ ކްލިއަރެންސް ވެސް ބާޠިލު ކުރައްވާފައެވެ.
"އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ޤައުމީ ސަލާމަތަށް ޓަކައި ދައުލަތުން ސިއްރު ކޮށްފައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އެ ބޭފުޅުންނަށް ލިބިދިނުމަކީ ޤައުމަށް މި ވަގުތު އެންމެ ފައިދާހުރި ގޮތެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ. ކްލިންޓަނާއި ހެރިސްގެ އިތުރުން ބައިޑަންގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ އެންތަނީ ބްލިންކަނަށް ދޫކޮށްފައި އޮތް ސެކިޔުރިޓީ ކްލިއަރެންސް ވެސް ޓްރަމްޕް ވަނީ ބާޠިލު ކުރައްވާފައެވެ.
މިއާ އެކު، ދައުލަތުގެ ސިއްރު މަޢުލޫމާތު ހޯދުމަށް އެ ބޭފުޅުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ދިޔަ ނަމަވެސް، މި ނިންމުމުގެ ސަބަބުން އެ ބޭފުޅުންނަށް މި ވަގުތު ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، މިއީ ޑިމޮކްރެޓިކް ޕާޓީގެ ވެރިންނާއި ޓްރަމްޕްގެ ސަރުކާރާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަން ބޮޑުވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި އެ ބޭފުޅުން ސިފަ ކުރެއެވެ. މަސްރަޙު ދިރާސާ ކުރާ ބައެއް ބޭފުޅުން ދެކޭ ގޮތުގައި، މިއީ ޓްރަމްޕްގެ ކިބައިގައި ހުރި ބަދަލު ހިފުމުގެ ރޫހެއްގެ ދަށުން އޭނާ އަޅުއްވާފައިވާ ފިޔަވަޅުތަކެކެވެ.
ޓްރަމްޕްގެ އަމުރަށް ސެކިޔުރިޓީ ކްލިއަރެންސް ބާޠިލު ކޮށްފައިވާ އެހެން ބޭފުޅުންގެ ތެރޭގައި ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި އޭނާގެ ރިޕަބްލިކަން ޕާޓީ ކުރިން ތަމްސީލު ކުރައްވާފައިވާ މެންބަރު ލިޒް ޗޭނީ ވެސް ހިމެނެއެވެ. މީގެ އިތުރުން، ބައިޑަންގެ ސަރުކާރުގައި ޤައުމީ ސަލާމަތާ ބެހޭ މުޝީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ޖޭކް ސަލިވަނާއި އެ ކައުންސިލްގެ މެންބަރު ފިޔޯނާ ހިލް ހިމެނެއެވެ. ރިޕަބްލިކަން ޕާޓީގެ ކުރީގެ މެންބަރެއް ކަމުގައިވާ އެޑަމް ކިންޒިންގަރގެ ސެކިޔުރިޓީ ކްލިއަރެންސް ވެސް ޓްރަމްޕް ވަނީ ބާޠިލު ކުރައްވާފައެވެ.