ޚަބަރު

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން މިފަހަރު އިތުރު 30 ދަތުރެއް


  • 11 މަންޒިލަކަށް ޖުމްލަ 30 ދަތުރެއް ބާއްވާނެ

  • ސީ ޕްލޭންގެ ދަތުރުތައް ބ. ފުޅަދޫއަށް ފަށަން ވަނީ ނިންމާފައި

ޢީދު ބަންދާއި ދިމާކޮށް ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް ކުއްކުރުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން ވިދާޅުވީ، އެއެއަރލައިނުން ދަތުރުކުރާ އެކި ރަށްރަަށަށް އިތުރު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށްކަމަށެވެ.

ކޮންމެ އަހަރަކުވެސް ޢީދާއި ދިމާކޮށް އެތެރޭގެ އުދުހުންތަކަށް އަންނަ ޑިމާންޑަށް ބެލުމަށްފަހު މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތަކަށް އިތުރު ދަތުރުތައް ބާއްވަމުންދެއެވެ. އެގޮތުން މި އަހަރުވެސް އެއެއަރލައިނުން 11 ރަށަކަށް އިތުރު 30 ދަތުރެއްކުރުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވިއަނުން ވިދާޅުވީ، ޢީދު ބަންދާއި ދިމާކޮށް އިތުރު 5 ދަތުރެއް ފުވައްމުލަކު ސިޓީއަށް ކުރަން ހަމަޖެހިފައިވާކަމަށާއި، އައްޑޫ ސިޓީ ގަމަށް މިހާރު އާންމުކޮށް ކުރާ ދަތުރުތަކުގެ އިތުރުންވެސް ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މޯލްޑިވިއަނުން ގަމަށް މިހާރުވެސް ކޮންމެ ދުވަހަކު ތިން ދަތުރު ކުރެއެވެ.

އަދި ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ލ. ކައްދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާއަށް ކުރާ ދަތުރުތައް އިތުރުކުރުމަށްވެސް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.

ޢީދާ ދިމާކޮށް މޯލްޑިވިއަނުން އިތުރުކޮށްފައިވާ ދަތުރުތައް

29 މާރިޗު – ގަން
30 މާރިޗު – ގަން، ހޯރަފުށި، ހަނިމާދޫ، ފުވައްމުލަކު ސިޓީ
1 އެޕްރީލް – މާވަރުލު، ފުވައްމުލަކު ސިޓީ
2 އެޕްރީލް – ކުޅުދުއްފުށި، ގަން، ފަރެސްމާތޮޑާ، ހަނިމާދޫ
3 އެޕްރީލް – ގަން، ކޫއްޑޫ، ހަނިމާދޫ، ފުވައްމުލަކު ސިޓީ، ކާޑެއްދޫ
4 އެޕްރީލް – ފުނަދޫ، ގަން، ކައްދޫ، ކުޅުދުއްފުށި، ހަނިމާދޫ، ހޯރަފުށި، ކާޑެއްދޫ، ފުވައްމުލަކު ސިޓީ

މީގެ އިތުރުން، ޢީދާ ދިމާކޮށް، މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ބ. ފުޅަދޫއަށް ފަށަންވެސް ވަނީ ނިންމާފައެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗުމަހުގެ 31ވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވިއަނުން ވިދާޅުވީ، އިތުރުކުރެވުނު ދަތުރުތަކާއެކު ޢީދާއި ދިމާކޮށް އިތުރުވަމުންދާ ޑިމާންޑަށް ފުރިހަމައަށް ޚިދުމަތް ދެވިގެންދާނެކަމަށެވެ.

ޤައުމީ އެއެއަރލައިންގެ ފްލީޓުގައި 25 ބޯޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ އޭޓީއާރުގެ ބޯޓުތަކާއި، ޑޭޝް8ގެ ބޯޓުތަކާއި، އޭ320 ނެރޯބޮޑީގެ އިތުރުން ސީޕްލޭން ބޯޓުތައް އެތެރޭގެ އުދުހުންތަކަށް ބޭނުންކުރަމުންދެއެވެ.