ދިވެހިންގެ މިޖީލު ދުށް އެންމެ މަޝްހޫރު ފުޓްބޯޅަ ކޯޗުންގެ ތެރޭގައި އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަކީ ކުޅިވަރު އާއިލާގައި ޙާއްސަ މަގާމެއް ދެވިފައިވާ ކޯޗެކެވެ. މިއަދު ކުރިއަރަމުން އަންނަ ކޯޗުންގެ އެދުރެކެވެ. ވަކިން ޙާއްސަކޮށް ފުޓްބޯޅައަށް ބެހެއްޓެވި ލޯތްބާއި އަމިއްލަ ކަމެއް ކަމުގައި ދެކިގެން ކުރެއްވި ޚިދުމަތްތަކުގެ ވާހަކައަށް ނިމުމެއް ނެތެވެ.
އުމުރުން 51 އަހަރުގައި ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ އަހަރަކަށްވުރެ ގިނަދުވަސްފަހު ހޮނިހިރު ދުވަހުގެރޭ ވަކިވެގެން ދިޔައީ ކުޅިވަރު އާއިލާއަށް އަގުނުކުރެވޭހާ ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. ހަމައެކަނި ރާއްޖެއަކު ނޫނެވެ. ބައިނަލްއަގްވާމީ ފުޓްބޯޅައިގަވެސް ސާންތީގެ ނަން ފަނޑެއް ނުވާނެއެވެ. ސަރަހައްދީ މުބާރާތްތަކުގައި ރާއްޖޭގެ ދިދަ ވިހުރުވާލީ ސާންތީގެވެސް ހިތްވަރާއި މިންނަތުންނެވެ.
ކަޅު ދުވަހެއްގެ ގޮތުގައި މިއަދު ގިނަ ބަޔަކު ސިފަ ކުރަނީ ޙާއްސަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ކޮށްދެއްވީތީއެވެ.
ސޯޝަލް މީޑިއާގައި ބަންޑުންކޮށްލާފައިވާ ހެޔޮ ބަސްތަކާއި ޝުއޫރުތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ލިބުނު ކާމީޔާބީގެ ފަހަތުގައި ހުރި ބައެއް ވާހަކަތަކެވެ. އަމިއްލަ ޖީބުން ގޯލްޑް ކާޑު ނަންނަވާ ކުޅުންތެރިން ތިބޭނެ ހޮޓަލުގެ އެކޮމޮޑޭޝަން ހަމަޖައްސަވާދެއްވާ ޗެކިން ކޮށްދެވި ދުވަހުގެ ހަނދާންތައް އެދުވަހު ސާންތީ އާއިއެކު ތިބި އެތައް ބަޔަކު ފާހަގަ ކުރެއެވެ.
ސޯޝަލް މީޑިއާގައި ސާންތީގެ ހެޔޮ ވާހަކަތައް ހިއްސާ ކުރަމުންދާއިރު އޭނާގެ ހެޔޮ ވާހަކަ ނޫން އެއްޗެއް ނެތެވެ. ކުޅިވަރު ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވީ ސާންތީގެ ވަކިވެދިއުމަކީ ކުޅިވަރު އާއިލާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ހިތާމައެއް ކަމަށާއި، މިއަދަކީ އަނދިރި ދުވަހެއް ކަމަށެވެ.
ވަކިން ޙާއްސަކޮށް ވަޒީރުވެސް ފާހަގަ ކުރެއްވީ މުޅި އުމުރު ދުވަހު ސާންތީ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެއްވި ހިދުމަތުގެ ތެރެއިން އަމިއްލަ ޖީބުން ޙަރަދު ކުރައްވާ، ފުޓްބޯޅައަށް އެދެއްވި އިސްކަމެވެ. ދީލަތިކަމުގެ އިތުރުން މީހުންނަށް ހެޔޮ އަދި އޯގާތެރި ބަސްތައް ބުނުމާއި، ކޯޗުންގެ ކުރިއެރުމުގައި ސާންތީ ދިން ހިތްވަރަކީވެސް ސޯޝަލް މީޑިއާގައި މިއަދު އެކަންކަން ފާހަގަ ކުރާ ނިމުމެއް ނެތް ހަނދާތަކެވެ.
ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ޠަލާލްވެސް ވިދާޅުވީ އެކުވެރި ސާންތީ ކޯޗު ނިޔާވި ހަބަރުން ލިބިވަޑައިގެންނެވީ ފުން ހިތާމައެއް ކަމަށެވެ. އެކުގައި އުޅުއްވި ސާންތީގެ ހަނދާންތައް މިފަދަ ބޭފުޅުންގެ ހިތުން ފިލާނީ ކިހިނެތްތޯއެވެ.
ކުޑައިރު މަޖީދިއްޔާ ސުކޫލުން އުފެދިގެން އައި އޭރުގެ ފުޓްބޯޅަ ކުޅުންތެރިޔާގެ ތަރި އޮއްސުނީ މުޅި އުމުރު އެކަމަށް ހުސްކުރި ފަހުންނެވެ. 30 އަހަރުވެސް ނުވަނީސް ގައުމީ ޓީމަށް ޙިދުމަތް ކުރަން ފެއްޓެވި ސާންތީގެ ޒިކުރާތަކަށް ނިމެއްނެތީ ސުކޫލު ދައުރުގައި ފުޓްބޯޅައަށް ދިން ލޯބި ދެގޮތެއް ނުވެ ކުޅިވަރު އާއިލާގެ ކުރިއެރުމަށް ދެއްވީތީއެވެ.
ނިއުރޭޑިއަންޓްގެ ކުރީގެ އިސްވެރިއެއް ކަމަށްވާ އަލީ ވަހީދު (ބަލަކް) ވިދާޅުވީ ސާންތީއަކީ ދިވެހި ފުޓްބޯޅައިގައި ޒުވާން ކުޅުންތެރިންނަށް އިތުބާރު ހޯދައިދިނުމުގައި އެފަދަ ދެވަނައެއް ނެތް ފަދަ މޮޅު ކޯޗެއް ކަމަށެވެ. އަދި ސާންތީ އަކީ 2008 ވަނަ އަހަރު ސާފްޗެމްޕިއަންޝިޕުން ފަހުރުވެރިން ރަން މެޑަލް ހޯދައިދިން އެއް މޭސްތިރި ކަމަށެވެ. ކުލަބު އީގަލްސް އާއި ޔުނައިޑެޓް ވިކްޓްރީ ކުރިއެރުވުމުގައިވެސް ސާންތީ ކޯޗުގެ ހިއްސާ ބޮޑެވެ.
ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނާއި ކުޅިވަރަށް ލޯބިކުރާ އެންމެނާއި ޖުމްލަކޮށް މުޅި ގައުމު އެދަނީ ސާންތީގެ ހެޔޮކަން ފާހަގަ ކުރަމުންނެވެ. މިއަދު މިވާހަކަތައް ކިޔާލަން ނުވަތަ އަޑު އަހާލަން ސާންތީ ނެތަސް ސާންތީގެ ޒިކުރާތައް ތާއަބަދު ދެމި ހުންނާނެއެވެ.
ގައުމީ ޚިދުމަތަށް ހުސްވެހުރި ބަލި އެނދާ ހަމައަށް ދާން ވަންދެންވެސް ސާންތީ ކުރި ހިތްވަރަކީ މަދު ބަޔަކަށް ނޫނީ ނުކުރެވޭނެ ހިތްވަރެކޭ ބުނާ މީހުންވެސް މަދެއް ނޫނެވެ. ސާންތީގެ ތަޖުރިބާއާއި ޓެކްނިކަލް އަދި އަމަލީ ތަޖުރިބާއަކީވެސް ދިވެހި ފުޓްބޯޅައާއި ތާއަބަދަށް ވަކިވެގެންދިޔަ ހަނދާންތަކެއް ނަމަވެސް ސާންތީގެ ހަނދާނެއް ފުޓްބޯޅަ އާއިލާއަކުން ފިލައިގެނެއް ނުދާނެއެވެ.
އެވަރުގެ "ލެޖެންޑެއް" ގެ ހެޔޮ ވާހަކައާއި ކުޅިވަރަށް ކުރި ހިދުމަތުގެ ވާހަކައަށް ނިމުމެއް ނެތެވެ. މި ހިތާމަވެރި ދަނޑުވަޅުގައި ޕީއެސްއެމް ސްޕޯޓްސް އިންވެސް އެދެނީ ސާންތީގެ އާއިލާއަށް ކެތްތެރިކަމާއި، ސާންތީގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެވުމެވެ.