ދުޢާކުރުމަކީ އިންސާނާގެ އީމާންކަން ސާބިތުކޮށްދޭކަމެއްކަމަށާއި، ދުޢާނުކުރާ މީހުންނަކީ އީމާންކަމުން ދުރަށް ޖެހިފައިވާ ބައެއްކަމަށް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވާ ސިލްސިލާ އިހްޔާ ޕްރޮގްރާމުގެ ތިންވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ބިނާކުރެއްވީ "އިޖާބަކުރަނިވި ދުޢާ" މިމަޢުޟޫއަށެވެ. ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ ދުޢާކުރުމަކީ އިސްލާމްދީނުގެ ވަރަށް މުހިންމު ރުކުނެއްކަމަށެވެ. އަދި މާތްﷲ ދުޢާކުރުމަށް އަންގަވާފައިވާކަމަށާއި، ދުޢާކޮށް އަޅުކަން ކުރުމަށް ކިބުރުވެރިވާ މީހާ ނިކަމެއްޗަކަށްވާހާލު ނަރަކަށް ވަންނާނެކަމަށް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދުޢާކުރުމަކީ އަޅުކަންކުރުމުގެ ސިކުނޑިކަމަށެވެ. އަދި އަޅުކަންކުރުމުގެ އެންމެ މުހިންމު ބަޔަކީ ދުޢާކުރުންކަމަށާއި، ނަމާދަށް ބަލާލިނަމަވެސް ގިނައިން ހިމެނެނީ ދުޢާތައްކަމަށާއި، ޤުރުއާނުގެ ވެސް ބޮޑުބަޔަކީ ދުޢާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ ދުޢާ އިޖާބަކުރައްވާނީ އަޅުގަނޑުމެން މާތްﷲ އިޖާބަދީގެންކަމަށެވެ.
" މާތްﷲ އެންގެވިގޮތަށް އުޅެ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީކުރެއްވި ކަންތައްތަކުން ދުރުވެ ސީދާމަގުގައި ފައިތިލަ ސާބިތުކޮށްގެން އުޅުމަކީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރުތެއް. އަދި އިޖާބަކުރައްވަނިވި ދުޢާއަކީ މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ދިރިއުޅުން ބައްޓަންކޮށްގެން ދިރިއުޅުމުގައި ސީދާ ތެދުމަގުން ދަތުރުކުރާ މީހުންނަށް އޮތްކަމެއް" މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ބައެއް ކަހަލަ ދުޢާ ކުރީމަ ބައެއް ކަންތައްތައް ފުރިހަމަވާކަމަށް ފޮތްތަކުގައި ލިޔެފައި ހުންނަތަން ފެންނަކަމަށާއި، ނަމަވެސް މިފަދަ ހަޤީގަތެއް ނެތް ވާހަކަ އަޑުއަހާ ޤަބޫލްކުރާކަށް ނުވާނެކަމަށެވެ. އަދި އިސްލާމްދީނުގައި އަމަލާ ނަތީޖާއާ އޮންނަނީ ގުޅިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރަސޫލާގެ ހަދީސްފުޅުތައް ވަރަށް ބައިވަރު. ހަދީސްތައް ލިއުނީ އެކަލޭގެފާނުގެ އުމުރުފުޅުގައެއް ނޫން. ދުނިޔޭގަ ހުންނަވަނިކޮށް ނޫން. އެހަދީސްތައް ބައްލަވާ ސައްހަ ކުރައްވާފައެއް ނެތް. އެހަދީސްތައް އެކަލޭފާނުކުރެއްވިތާ އެތައް އަހަރެއްފަހުން މީހުން ރިވާކޮށްފައި ހުރި ފޮތްތައް އަލްބުޚާރީއަ މުސްލިމާ ހުޅުވީވެސް އެތައް އަހަރެއްފަހުން. އެބޭފުޅުންނަށް ސައްހަކަމަށް ފެންނަ ހަދީސްތައް އެބޭފުޅުންގެ ފޮތްފޮތުގަ ލިއުއްވީ އޭގަ ސައްހަކަމާމެދުވެސް ޝައްކު އުފެދޭ. ބުޚާރީގަ ހަދީސެއް އޮތުމަކީ އެކަމުގައި ސައްހަކަމުގެ ޔަޤީންކަން ލިބޭކަމެއް ނޫން" މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ހަދީސަށް ތަބާވެގެންކަންތައްކުރާއިރު ވަރަށް ވިސްނަންޖެހޭ ކަމަށެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައިވަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ މާތްކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކުވެސް ރަމަަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ވޭތުކުރެވޭތޯ މަސައްކަތްކުރަންޖެހޭކަމަށެވެ. އެގޮތުން ނަމާދާއި ރޯދައާއި ކުރާ އެހެން ހެޔޮކަންތައްތައް އިތުރުކޮށް އެންމެންގެ މެދުގައި އެކުވެރިކަމާއި ބަދަހިކަން ފެތުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތަކަކީ މީހުންގެ މެދުގައި އެކަކު އަނެކަކަށް އަޅާލުމާއި، އެހީތެރިވުމާއި ލޯބިވުމާއި ގުޅުންތައް އިތުރުކުރުމަށް ދެއްވާފައިވާ ފުރުސަތެއް ކަމަށެވެ. އެހެންކަމުން މުޖްތަމަޢުގެ ބަދަހިކަމަށް ހުއްޓުމެއްނެތި މަސައްކަތްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާގެ މިޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ލެކްޗަރަރ ޑރ. ސަޢުދުﷲ އަލީވެސްވަނީ ވާހަކަދައްކަވާފައެވެ. ސަޢުދުﷲ އަލީގެ ވާހަކައިގައި އަލިއަޅުއްވާލެއްވީ އިސްލާމްދީން އުނގަންނައިދެއްވުމުގައި ކީރިތި ރަސޫލާ ގެންގުޅުއްވި ގޮތްތައް މިމަޢުޟޫއަށެވެ. ޑރ.ސައުދުﷲ އަލީވަނީ މީހުން ތަރުބިއްޔަތުކުރުމުގައ ރަސޫލާ ގެންގުޅުއްވި ގޮތްތާއި އެއުސޫލާ އެއްގޮތަށް ކަންކަންކުރުމުން ލިބޭނެ ފައިދާ ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ.
"ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމައަކީ ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ މައިދާނެއްގައިވެސް އަޅުގަނޑުމެންގެ އެންމެމަތިވެރި ނަމޫނާ. އެކަލޭގެފާނުގެ ރިސާލަތު ބިނާވެފައިއޮތީ އިސްލާމީ ދަޢުވަތު ފޯރުކޮށްދިނުމާއި. އިސްލާމީ ތަރުބިއްޔަތުން ފުރިހަމަ ޖީލެއް އުފެއްދުމުގެ މައްޗަށް. 23 އަހަރުގެ މުއްދަތުގައި އެކަލޭފާނު ބިނާކުރެއްވީ ޖީލަކީ އެންމެވަރުގަދަ ޝަޚުސިއްޔަތުތައް އެޖީލުގައި ހިމެނިގެންދިޔަ ޖީލެއް. އެހެންކަމުން އެކަލޭގެފާނު ތަރުބިއްޔަތުކުރެއްވުމުގައި ގެންގުޅުއްވި ގޮތްތައް ނުވަތަ އެކަލޭގެފާނުގެ މަންހަޖު ވެގެންދާނީ އެންމެފުރިހަމަ ނަމޫނާކަމަށް. އަޅުގަނޑުމެން ބަލާލަންޖެހޭ ކޮބާތޯ އެކަލޭގެފާނު ގެންގުޅުއްވި މަންހަޖަކީ. އެކަލޭގެފާނު ގެންގުޅުއްވި މަންހަޖަށް އަޅުގަނޑުމެން ބަލާލާއިރު ބަލާލަންޖެހޭ ކޮބައިތޯ އެކަލޭގެ ފާނުގެ ތަރުބަވީ މަންހަޖުގެ ފަލްސާފައަކީ އަދި އަމާޒަކީ" ސަޢުދުﷲ އަލީ ވިދާޅުވިއެވެ.
ސަޢުދުﷲ ވިދާޅުވީ އިސްލާމީ ތަރުބިއްޔަތުގެ މަންހަޖުގެ ފަލްސަފާ ބިނާވެފައިވަނީ ﷲ ސުބުހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ވަރަށްމުހިންމު އަސާސްތަކެއްގެ މައްޗަށްކަމަށެވެ. ފުރަތަމަ އަސާސަކީ ﷲގެ ވަހީ ބަސްފުޅުކަމަށާއި، ދެވަނަ އަސާސަކީ އެންމެފުރަތަމަ އިންސާނާ އާދަމްގެފާނު ހައްދަވަމުން ﷲ މަލާއިކަތްބޭކަލުންނަށް ވަހީކުރެއްވި ބަސްފުޅުތައްކަމަށެވެ. އަދި އިންސާނާވަނީ ގެއްލުމާއި ހަލާކުގައި ކަމަށާއި، ނަމަވެސް ވަކި ޝަރުތުތަކެއް ފުރިހަމަވެއްޖެނަމަ އޭނާ ސަލާމަތްވެގެންވާ ކަމަށާއި، އެއީ އީމާންވެ ޞާލިހް ހެޔޮ އަމަލުކޮށް އަދި މީސްތަކުންގެ މެދުގައި ހައްގަށް ވަސިއްޔަތްކުރުމާއި ކެތްތެރިކަމަށް ވަސިއްޔަތް ކުރުން އޮންނަނަމަ ކަމަށް ހަދީސްފުޅުތަކާއެކު ސަޢުދުﷲ އަލީވަނީ ކިޔާދެއްވާފައެވެ.