އަމިއްލައަށް ދާރުލްއާސާރުތައް ނުވަތަ ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލްކަން ލިބިފައިވާ މީހުން ތަމްރީންކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް މިއަހަރު ހިންގަވާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ އަމިއްލައަށް ދާރުލްއާސާރުތައް ނުވަތަ ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލްކަން ލިބިފައިވާ މީހުން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބުން މުހިންމުކަމަށެވެ. އެގޮތުން ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލުކަން މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ޢިލްމީ ތަމްރީނުތަކެއް މި އަހަރު ހިންގަން ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ރަށްވެހި އާސާރުތައް ބިނާކުރުމުގެ އަމާޒު ޙަޤީޤަތަކަށް ހެދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިފައިވާ ދިވެހި ނެޝަނަލް އައިޑެންޓިޓީގެ މަފްހޫމުތަކާ އެއްގޮތަށް، ދާރުލްއާސާރުތައް އެކަށައެޅުމާއި ބެލެހެއްޓުމުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން މުޅި ރާއްޖެއަށް އާންމުކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެކިއެކި ސަފީރުންނާއި، އެކިއެކި ޤައުމުތަކުގެ ކަމާބެހޭ އިސްފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކުން މި ތަމުރީނުތައް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ފުރުސަތު ފަހިވެފައިވޭ. މިގޮތުން މިދިޔަ އަހަރު މިކަމާ ގުޅޭ ދާއިރާއިން ވުޒާރާގެ ބޭފުޅުން ބައެއް ތަމްރީނުތައް ފުރިހަމަކޮށްފައިވޭ. މިއަހަރުވެސް ތަމުރީނުތަކަށް ފުރުޞަތު ލިބިފައިވޭ" ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަންނަ މަހުގެ17ގައި މިކަމާ ގުޅުން ހުރި ތަމްރީނުތައް ހޯދުމަށް އެވުޒާރާގެ ދެ މުވައްޒަފަކު ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ތަމުރީނުތައް ފުރިހަމަކުރުމަށް ފަހު ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ޢިލްމީ ތަމްރީނު ކޯސްތައް މުޅި ރާއްޖެއަށް ހިންގަން ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގައިވާ ގޮތަށް ތަރިކަ އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކޮންމެ ރަށެށްގައި ވެސް ފަރުދީފެންވަރުގައްޔާއި، ޖަމާއަތުގެ ފެންވަރުގައި އަދި ރަށުފެންވަރުގައި އެކި ބާވަތްތަތުގެ އާސާރުތައް ތަޢާރަފުކުރުމުގެ ޤާބިލުކަން އުފެއްދުމަކީ ކުރަައްވާނެ މަސައްކަތެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.