ޚަބަރު

ކަނޑުމަގުން ދޭ ހަމަލާތަކާއި ހަކަތައިގެ ވިއުގައަށް ދޭ ޙަމަލާތައް ރަޝިޔާއާއި ޔުކްރެއިނުން މެދުކަނޑައިލަނީ


ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކަނޑުމަގުން ބަދަލު ކުރަމުންދާ ޙަމަލާތަކާއި، ދެ ޤައުމުގެ ހަކަތައިގެ ވިއުގައާއި އިންޖީނުގެތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވެއްޖެއެވެ. ދެ ޤައުމުން މި ކަމަށް އެއްބަސްވެފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ބާއްވަމުންދާ މަޝްވަރާތަކުގެ ތެރެއިންނެވެ. ދެ ޤައުމުގެ މެދުގައި މެދުވެެރިއެއްގެ ދައުރު އަދާ ކުރަމުން ދަނީ އެމެރިކާއިންނެވެ.

އެންމެ ފަހުގެ މަޝްވަރާތަކަށް ފަހު، ދެ ޤައުމުން ވެސް ވަނީ ކަޅު ކަނޑުގެ ސަރަޙައްދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑާއިލުމަށް އެއްބަސްވެފައެވެ. މިއީ، ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޓްރަމްޕް ޙަވާލުވެ ވަޑައިގެންނެވި ފަހުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފިޔަވަޅުތަކެއް އެޅުމަށް އެ ދެ ޤައުމުން ރަސްމީ ސިފައެއްގައި އެއްބަސްވެފައިވާ ފުރަތަމަ ފަހަރެވެ. ނަމަވެސް، މި އެއްބަސްވުމަށް އަމަލު ކުރަން ފަށާނެ ތާރީޚު ސާފެއް ނޫނެވެ.

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުން

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނެވުމަށް ޓްރަމްޕް މަސައްކަތް ފެށްޓެވުމަކީ ޔޫކްރެއިންގެ އިތުރުން ވިލާތުގެ ޤައުމުތަކަށް ސިހުން ގެނުވި ކަމެކެވެ. އަދި، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން ޓްރަމްޕް އެންމެ ފުރަތަމަ ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަށް އެއްބަސްވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ކުރިން ވަނީ އިންކާރު ކުރައްވާފައެވެ. ނަމަވެސް، އެމެރިކާއިން އެ ޤައުމަށް ފޯރުކޮށްދެމުން ދިޔަ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ވަގުތީ ގޮތުން މެދުކަނޑައިލުމުން، ޓްރަމްޕްގެ ހުށަހެޅުއްވުމާ އެކު ކުރިއަށް ދިޔުމަށް ޒެލެންސްކީ ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ.

ކަޅު ކަނޑުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ރަޝިޔާއިން އެއްބަސްވުމާ އެކު، އެމެރިކާއިން ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައެވެ. ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ-ޔޫކްރެއިން ފެށުމާ އެކުގައެވެ.

ހަނގުރާމައިގައި އެމެރިކާއާއި ވިލާތުން އިސްކޮށްފައި ވަނީ ޔޫކްރެއިންގެ ފަޅިއެވެ. އަދި، ރަޝިޔާ އެކަހެރި ކޮށްލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެ ޤައުމުގެ އުފެއްދުންތައް އެކްސްޕޯޓު ކުރުމަށް ހުރަސް އެޅުން ހިމެނެއެވެ. ނަމަވެސް، ރަޝިޔާއިން އެމެރިކާގެ ސަރުކާރާ އެކު މަސައްކަތް ކުރަން ފެށުމާ އެކު، އެމެރިކާއިން ވަނީ އެ ފިޔަވަޅުތަކަށް ލުއިހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. ރަޝިޔާގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެ ޤައުމުން ބޭރު ކުރާ ދަނޑުވެރި ކަމުގެ އުފެއްދުންތަކާއި ގަސްކާނާގެ ބާވަތްތަކަށް އޮތް ހުރަސްތައް ނައްތައިލުމެވެ.

ރަޝިޔާގެ ޝަރުޠުތައް އެމެރިކާއަށް ހުށަހެޅުން

މީގެ އިތުރުން، ރަޝިޔާގެ ބޭންކުތަކާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކާ ދެމެދު އޮތް ގުޅުން އަލުން ރުޖޫއަ ކުރުމާއި، ދެ ފަރާތުގެ މެދުގައި މުޢާމަލާތު ކުރުމަށް އޮތް ހުރަސްތައް ނައްތައިލުމަށް ވެސް ރަޝިޔާއިން ވަނީ ޝަރުޠު ކޮށްފައެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ބުނީ، ކަޅު ކަނޑުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާނީ ރަޝިޔާގެ ބޭންކުތަކާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކާ ދެމެދު އަލުން ގުޅުން ޤާއިމު ކޮށްދިނުމުން ކަމުގައެވެ.

ނަމަވެސް، ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަކީ ޒެލެންސްކީ ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ. ރަޝިޔާއިން އެމެރިކާއަށް އޮޅުވައިލަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. "އެ މީހުން [ރަޝިޔާއިން] މަސައްކަތް ކުރަމުން އެ ދަނީ އެއްބަސްވުމުގައިވާ ކަންކަމަށް އުނިއިތުރު ގެނައުމަށް، އަދި ދެ ފަރާތުގެ [އެމެރިކާއާއި ޔޫކްރެއިންގެ] އިތުރުން މުޅި ދުނިޔެއަށް އޮޅުވައިލަން މަސައްކަތް ކުރަމުންދާ ކަން ޔަގީން،" އޭނާ ވިދާޅުވިއެވެ.

ކީވާއި މޮސްކޯއިން ބުނީ، ކަޅު ކަނޑުގެ ސަރަޙައްދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުން ތަންފީޒު ކުރުމަކީ އެމެރިކާގެ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމުގައެވެ. "އަޅުގަނޑުމެންނަށް [އެއްބަސްވުމުގައިވާ ކަންކަން ތަންފީޒު ކުރެވޭނެ ކަމުގެ] ފުރިހަމަ ޔަގީން ކަން ބޭނުން ވާނެ،" ރަޝިޔާގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް ވިދާޅުވިއެވެ. އަދި، އެއްބަސްވުން ތަންފީޒު ކުރުމަށް ޒެލެންސްކީއަށް އަމުރު ކުރުމަށް އޭނާ ވަނީ ވޮޝިންގޓަނަށް ގޮވައިލައްވާފައެވެ.