އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ސާބިއާގެ ނޯވަކް ޖޮކޮވިޗް ހޯދިއިރު، ސެމީ ފައިނަލަށް ބެލަރޫސްގެ އެރީނާ ސަބަލެންކާ ދަތުރުކޮށްފިއެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ޖޮކޮވިޗް މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ލޮރެންޒޯ މުސޭޓީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ހައެއް ދޭއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތަށްފަހު ޖޮކޮވިޗްގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު ކުޅުން މި މެޗުގައި ފެނިގެންގޮސްފައިވާއިރު މިއީ މޮސޭޓީ އާއި ދެކޮޅަށް އޭނާ ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވި 12 ވަނަ މެޗެވެ.
ހަ ފަހަރު މަތިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޖޮކޮވިޗް އާއި ދެކޮޅަށް ކުއާޓަރ ފައިނަލުގައި ނިކުންނާނީ އެމެރިކާގެ ސެބަސްޓިއަން ކޯޑާ އެވެ. އޭނާ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ފްރާންސްގެ ގައެލް މޮންފިލްސް އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް, ދޭއް ހައެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގެ އަންހެން އިވެންޓުގައި ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާގެ ގޮތުގައި ހުރި އެރީނާ ސަބަލެންކާ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޗައިނާގެ ޒެންގް ކިންވެން އާއި ދެކޮޅަށް ކުޅުނު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.
ޒެންގް އާއި ދެކޮޅަށް ސަބަލެންކާ މިހާތަނަށް ކުޅުނު ހަ މެޗުންވެސް އޭނާ މޮޅުވެފައިވާއިރު މި މެޗުގެ ސެޓުތައް އޭނާ ގެންގޮސްފައިވަނީ ހައެއް ދޭއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނެފައިވަނީ ޒެންގް އަކީ އަބަދުވެސް އިދިކޮޅަށް ކުޅެން އުނދަގޫ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.
ސެމީ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ މި މުބާރާތުގައި ހަވަނައަށް ސީޑު ކޮށްފައިވާ އިޓަލީގެ ޖޭސްމީން ޕައޮލީނީ އެވެ.