ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ޔުނައިޓެޑް ފުޑް ސަޕްލައިސް އާއި ފްރެންޑްސް އޮފް މޯލްޑިވްސް މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި 10 ޓީމެއް ބައިވެރިވެފައިވާއިރު، މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މި މުބާރާތުގައި މިއަދުވެސް ވަނީ ތިން މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި ޓީމު ޝިގިރިއާ ވާދަކޮށް ޔުނައިޓެޑް ފުޑް މޮޅުވީ 3 ވިކެޓުންނެވެ. މެޗުގައި ގުރުދިމާވުމުން ޓީމް ޝިގިރި ކުޅެންއަރާ 8 އޯވަރުގެތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ 86 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 35 ލަނޑު ހެދި އާމިންއެވެ. ޖަވާބުގައި ޔުނައިޓެޑް ފުޑް ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 88 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 30 ލަނޑުހެދި ތިލީނާ ފެނާންޑޯއެވެ.
މިއަދު ކުޅުނު ދެވަނަ މެޗުން ފްރެންޑްސް އޮފް މޯލްޑިވްސް މޮޅުވީ އެސްޓީއޯއާ ވާދަކޮށް 14 ލަނޑުންނެވެ. ގުރުދިމާވުމުން ފްރެންޑްސް ޓީމުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 101 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 49 ލަނޑު ހެދި މުހައްމަދު ޝަމީމްއެވެ. ޖަވާބުގައި އެސްޓީއޯ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 87 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 19 ލަނޑު ހެދި ރުބެލްއެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ކުޅުނު ތިންވަނަ މެޗުގައި އެޕެކްސް މޯލްޑިވސް އާއި ޔުނައިޓެޑް ފުޑް ވާދަކުރި މެޗު ވިއްސާރަވެގެން ހުއްޓާލުމުން، އަމްޕަޔަރު ނިންމީ ކޮންމެ ޓީމަކަށް ޕޮއިންޓެއް ދިނުމަށެވެ. މެޗުގައި އެޕެކްސް ކުޅެންއަރާ 3 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 48 ލަނޑު ހެދި ހިސާބުން ވިއްރާސަވުމުން މެޗު ވަނީ ނިންމާލާފައެވެ.