މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ މާސްޓަރސް ކެޓެގަރީގެ ފައިނަލަށް ސޮކަރ ވެޓެރަންސް އާއި އެމްއެސް މޭޓްސް ދަތުރުކޮށްފިއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.
ހެންވޭރު ދަނޑުގައި ކުރިއްދާ މުބާރާތުގައި ސެމީ ފައިނަލުގެ ފުރަތަމަ މެޗު ސޮކަރ ވެޓެރަންސް ޓީމުން ކާމިޔާބުކުރީ ކުލަބު ވެލެންސިއާއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެމީގައި ހިންނަވަރު ހައިނުސްއާ ވާދަކޮށް އެމްއެސް މޭޓްސް މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ ވެޓެރެންސް ކެޓަގަރީގެ ސެމީ ފައިނަލް މެޗުތަކެވެ. އެގޮތުން ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެމްއެސް މޭޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރާއިރު، ސެމީ ފައިނަލް ދެވަނަ މެޗުގައި ކުލަބު ޕީކޭ ނުކުންނާނީ މުއިވެޔޮ ފްރެންޑްސްއާ ދެކޮޅަށެވެ. މި މުބާރާތުގެ ދެ ކެޓެގަރީގެ ފައިނަލް މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.