ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އިން ވަގަށް ސިނގިރޭޓް ކާޓަން ބޭރުކުރި މައްސަލައިގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ގަސްކަރަ، ޢުމުރުން 23 އަހަރުގެ މުހައްމަދު އައިހަމްކަމަށެވެ.
އައިހަމް ހައްޔަރުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ 15:55 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީން ގަވައިދާ ހިލާފަށް ސިނގިރޭޓް ބޭރު ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 26 ވަނަ ދުވަހުރޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށާއި، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހަފްތާގެ ތެރޭގައި ވީއައިއޭގެ ޑިއުޓީ ފްރީ ފިހާރައިން ސިނގިރޭޓް ކާޓަން ވަގަށް ގެންދަން މަސައްކަތްކުރީ އިތުރު މައްސަލައެއްވެސް ފެންމަތިވިއެވެ. ފުލުހުންގެ ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:20 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން ހައްޔަރުކުރީ ޑަސްބިން ކޮތަޅުތަކަކަށް ސިނގިރެޓް ކާޓަން ތަކެއް އަޅައިގެން ބޭރުކުރަނިކޮށެވެ. އޭގެ ތެރޭގައި ފުލުހަކުވެސް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ޢުމުރުން 45 އަހަރުގެ އަޙްމަދު ފައިސަލާއި، އުމުރުން 38 އަަހަރުގެ ޔޫސުފް ނަޛީރެވެ. ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތަކަކާއެކު އެ މީހުން ދޫކޮށްލުމަށް ކޯޓުން ޙުކުމްކުރައްވާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރީ ފުލުސް މީހާ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.
މި މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.