ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ފާއިތުވި ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި 142,000އެއްހާ މީހުން ގެދޮރުން ނެރެ، މަގުމަތި ކޮށްލާފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ފަލަސްޠީނުގެ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 39 މީހުން ޝަހީދު ކޮށްލާފައިވެއެވެ.
ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން 61,700އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، އިތުރު 111,000އެއްހާ މީހުން ޒަޚަމު ކޮށްލިއެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލި ނަމަވެސް، މާރިޗު 18ވަނަ ދުވަހު ޔަހޫދީން ވަނީ އެއްބަސްވުން އުވައިލައި، ޣައްޒާގެ މުސްލިމުންގެ ލޭއޮހޮރުވައިލުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އަލުން ފަށާފައެވެ.
އދގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާ (އޯސީއެޗްއޭ)ން ބުނީ މާރިޗު 18ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން 142,000އަށްވުރެ ގިނަ މީހުންނަށް ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ. "އެ މީހުން ނިކުތީ މަދު މުދަލެއް ހިފައިގެން، އޭގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ މަގުތަކުގެ މަތީގައި، އެ މީހުންނަށް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ހިޔާވަހި ކަން ބޭނުންވޭ،" އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމުގައެވެ. އަދި، އިތުރު 124 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާއަށާއި، ދެކުނުގައި އޮތް ޚާން ޔޫނިސް އަދި ރަފަޙަށެވެ.
ޖަބާލިޔާގައި ޢާންމުން ދިރިއުޅެމުން ދިޔަ ގެޔަކަށް ބޮން އަޅައި، ޔަހޫދީ ފައުޖުން ވަނީ އަށް މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި އުމުރުން އެންމެ ހަ މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. މީގެ އިތުރުން ބުރަޔިޖު ރެފިއުޖީ ކޭމްޕުގެ ގެއަކަށް ބޮންއަޅައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާއިރު އޭގެ ތެރޭޭގައި ވެސް ކުޑަ ކުއްޖަކު ހިމެނެއެވެ.
އޯސީއެޗްއޭން ބުނީ، މި ވަގުތު ދިރިއުޅެމުންދާ ސަރަޙައްދުތައް ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވުމަށް ޣައްޒާގެ 250,000އެއްހާ ރައްޔިތުންނަށް ޔަހޫދީ ފައުޖުން އަންގާފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މި ވަގުތު ތިބީ ރަފަޙާއި ޚާން ޔޫނިސްގެ އިތުރުން ޣައްޒާގެ އުތުރުގެ ރަށްތަކުގައެވެ. އަދި، އޭގެ ތެރެއިން 50,000އެއްހާ މީހުންނަކީ މި ވަގުތު ރެފިއުޖީންނަށް ޚާއްޞަ ކޮށްފައިވާ ފޭލިގެ ފަދަ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުން ކަން ވެސް އޯސީއެޗްއޭން ހާމަކުރިއެވެ. ޣައްޒާގެ ބިމުގެ %15 ސަރަޙައްދެއް ހުސް ކުުރުމަށް ޔަހޫދީ ފައުޖުން އަމުރު ކޮށްފައިވާ ކަން ވެސް އދން ހާމަކުރިއެވެ.
ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމާ ޚިލާފަށް ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ. އަދި، އެ ސަހަރަށް ތެޔޮ އެތެރެ ކުރުން ހުއްޓުވާފައެވެ. މިއާ އެކު، ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ފެން ޕުލާންޓުތައް ވަނީ ބަންދު ކޮށްފައެވެ.
ޞިއްޙީ ޙައްޤުތަކަށް ވަކާލާތު ކުރާ ފަރަންސޭސިވިލާތުގެ ޖަމުޢިއްޔާ، ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފު)ން ބުނީ، ޣައްޒާއިން ހަލުވިކަމާ އެކު ސާފު ބޯފެން ހުސްވަމުންދާ ކަމުގައެވެ. އަދި، ކުރިއަށް ދުވަސްތަކުގެ ތެރޭގައި ޣައްޒާއަށް ތެޔޮ ނުލިބިއްޖެ ނަމަ، މުޅި ސަހަރުން ސާފު ބޯފެން ހުސްވާނެ ކަމުގައި އެ ޖަމުޢިއްޔާއިން އިންޒާރު ކުރިއެވެ. އެމްއެސްއެފުން ބުނީ، ޣައްޒާއަށް ތެޔޮ އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާތާ 25 ދުވަސް ފާއިތުވެއްޖެ ކަމުގައެވެ.
ޖަނަވަރީ 19 ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތްތައް ޙަމާސް ޖަމާޢަތުން ވަނީ ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކުރުން ހިމެނެއެވެ. ނަމަވެސް، އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށުމުގެ ބަދަލުގައި ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ، ޣައްޒާގައި ޢުދުވާން ހިންގަން ފަށާފައެވެ.