ކުޅިވަރު

ސާންތީ ކޯޗުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި


ދިވެހިރާއްޖޭގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު މަރުހޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.

ސާންތީގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމައިލިޒިން ކޮމިޓީގެ ޗެއާމަން އަޙްމަދު މުޢިއްޒު އާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރުގެ އިތުރުން ކުޅިވަރު ޚިދުމަތްތެރިޔާ އިބްރާހީމް އިސްމާޢީލްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކުޅިވަރު ވުޒާރާއިން ހުޅުވާލި ތައުޒިޔާގެ ދަފުތަރުގައި ވަޒީރު ރާފިޢުގެ އިތުރުން ކުޅިވަރު ޚިދުމަތްތެރިން ވަނީ ސޮއިކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ސާންތި ވަކިވެގެން ދިޔުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންދިޔަ އުނިކަމެއް ކަމަށެވެ. އަދި ކުޅިވަރުގައި އެތައް ރޮނގަކުން ސާންތީގެ ޚިދުމަތްތައް ފާހަގަވެގެންދާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަދައްކަމުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުޙައްމަދު ބުނީ ސާންތީއަކީ އޭނާ ފަދަ އެތަކެއް ކުޅުންތެރިންގެ ކެރިއަރުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކޯޗެއް ކަމަށެވެ.

ކުޅިވަރު ވުޒާރާއިން އިންތިޒާމުކުރި ރަސްމިއްޔާތުގައި ފުޓްބޯޅައިގެ ގިނަ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ސާންތީގެ އާއިލާގެ މެންބަރުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. ސާންތީގެ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން މިއަދު ރަސްމީ ބޯޅަދަނޑުގައި ކުރިއަށްދިޔިއިރު، މާދަމާއިން ފެށިގެން ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނީ ހެންވޭރު ބޯޅަ ދަނޑުގައެވެ. އަދި އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މީގެ ދެއަހަރު ދުވަހުގެ ކުރިން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ސާންތީ ނިޔާވީ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެރެއެވެ. އޭނާގެ ޖަނާޒާ ބޭއްވީ އާދިއްތަ ދުވަހު މެންދުރުފަހުއެވެ.