ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ހިރާސާ، ފްރެންޑްސް މޯލްޑިވްސް އަދި ޔުނައިޓެޑް ފުޑް ސެމީއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގެ ސެމީ ފައިނަލް ފަހު ޖާގަތައް ހިރާސާ ކެމިސްޓާއި، ފްރެންޑްސް މޯލްޑިވްސް އަދި ޔުނައިޓެޑް ފުޑް ސަޕްލައިސްއިން ހޯދައިފިއެވެ.

މާފަންނު ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު އެޕެކްސް ލޮޖިސްޓިކްސްއާ ބައްދަލުކޮށް ލަންކާ ލަޔަން މޯލްޑިވްސް ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން އެޕެކްސް މޯލްޑިވްސް އެންމެ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 113 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 14 ބޯޅައިން 39 ލަނޑު ހެދި ސަމިތާ ފެނާންޑޯއެވެ. އަދި އެ ޓީމުގެ ތިސޭރާ ވަނީ 15 ބޯޅައިން 22 ލަނޑު އެއްކޮށްފައެވެ. ޖަވާބުގައި ލަންކާ ލަޔަން މޯލްޑިވްސް ކުޅެން އަރައި ހަތްވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 114 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 35 ލަނޑު ހެދި ރަނޫކާ ޕެރޭރާއެވެ.

މި މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ރޮސްމެކްސް ފާމަސީ މޮޅުވީ ހިރާސާ ކެމިސްޓް އަތުން ދެ ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ހިރާސާ ކެމިސްޓް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު އެންމެ ކުޅުންތެރިއެއް ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 34 ލަނޑު ހެދި ބަބިލް އާއި ނުބައިނުވެ 14 ބޯޅައިން 24 ލަނޑު އެއްކުރި އަޖިންއެވެ. ޖަވާބުގައި ރޮސްމެކްސް ކުޅެން އަރައި ފަހު އޯވަރުގައި ވަނީ ހަތް ކުޅުންތެރިން ނުބައިވެގެން 112 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 19 ބޯޅައިން 51 ލަނޑު ހެދި އަމިލަ ރަނަސިންގެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީން ސެމީ ފައިނަލަށް ދަތުރުކުރީ ހިރާސާ އާއި ފްރެންޑްސް އޮފް މޯލްޑިވްސްއެވެ. އެ ދެ ޓީމުގެ އިތުރުން ރޮސްމެކްސްއަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ހިރާސާ އާއި ފްރެންޑްސް އޮފް މޯލްޑިވްސްއަށް ކުރި ލިބުނީ ނެގި ވިކެޓު ގިނަވުމުންނެވެ. ގްރޫޕް އޭ އިން ދެވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ފުޑް ސެމީއަށް ދަތުރުކުރީ ފަސް ޕޮއިންޓާއެކުއެވެ. މީގެ ކުރިން ފަތަހަ މޯލް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް، އަށް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.